ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އަވަށްޓެރި އިންޑިއާއިން ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ފޭކު ޑޯޒްތަކެއް ފާހަގަ ކުރެވިފައި ވާ ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔަ (ޑަބްލިއުއެޗްއޯ) އިން ދީފިއެވެ.
ޑަބްލިއުއެޗްއޯއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވާ ގޮތުގައި، ކޮވިޝީލްޑްގެ ފޭކު ޑޯޒްތައް އަތުލައިގެންފައި ވަނީ، އިންޑިއާ އަދި އެފްރިކާއިން، މި އަހަރުގެ ޖުލައި އަދި އޯގަސްޓް މަހުގެ ތެރޭގައެވެ.
ޑަބްލިއުއެޗްއޯއިން ބުނީ، އަތުލައިގަތް ޑޯޒްތަކަކީ ފޭކު ޑޯޒްތަކެއް ކަމަށް، ސިނާއީ ފެންވަރުގައި އެ ވެކްސިން އުފައްދަމުން އަންނަ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިންވެސް ކަށަވަރު ކޮށްދީފައި ވާ ކަމަށެވެ.
ފޭކު ވެކްސިން ދައުރު ކުރުމުގެ މި އާލަމަކީ ބަލިމަޑުކަމުގެ ދުވަސްވަރު، އިންތިހާއަށް ނުރައްކާ ބޮޑު ކަމެއް ކަމުގެ އިންޒާރުވެސް ޑަބްލިއުއެޗްއޯއިން ވަނީ ދީފައެވެ.
ޑަބްލިއެޗްއޯއިންވަނީ، ފޭކު ވެކްސިން ޑޯޒްތައް ދައުރު ކުރުން ހުއްޓުވާލުމަށްވެސް ގޮވާލާފައެވެ.
ކޮވިޝީލްޑްގެ ފޭކު ޑޯޒްތަކެއް ދައުރު ވާ ކަމަށް، އިންޑިއާގެ ސަރުކާރުން ރަސްމީ ސިފައެއްގައި އިއުތިރާފުވެފައެއް ނުވެއެވެ. ނަމަވެސް، މިފަދަ ކަމެއް، އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ތަހުގީގު ކުރަމުން އަންނަ ކަމަށް އިންޑިއާގެ ރިޕޯޓްތައް ބުނެއެވެ.
މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދިވަޑައިގެން، މިންޓް ނިއުސްއާ ވާހަކަދައްކަވަމުން އިންޑިއާގެ ސިއްހަތާ ބެހޭ އޮފިޝަލަކު ވަނީ، މިފަދަ ކޭސްތައް ހުއްޓުވާނެ ވަރުގަދަ ނިޒާމެއް އިންޑިއާގައި އެބަ އޮތް ކަމަށާ، މިހާރު ކަން ހިނގާފައި ވާ ގޮތުން، އިންޑިއާގެ އެއްވެސް ރައްޔިތަކަށް ފޭކު ޑޯޒްއެއް ދެވިފައި ނުވާނެ ކަން ކަށަވަރު ކުރުމަށް ސަރުކާރުން ބޭނުން ވާ ކަމަށް ވިދާޅުވެފައެވެ.
ކޮވިޝީލްޑްއަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނީގެ ކޮވިޑް ވެކްސިން ފޯމިއުލާއަށް އެސްއައިއައިން ސިނާއީ ފެންވަރުގައި ތަރައްގީ ކުރާ ކޮވިޑް ވެކްސިންގެ ބްރޭންޑް ނަމެވެ. މިއީ އިންޑިއާގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުން ކުރާ ކޮވިޑް ވެކްސިނެވެ. އެގޮތުން މިހާތަނަށް، މި ބްރޭންޑްގެ 486 މިލިއަން ޑޯޒް ޖަހާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
ސީރަމްއިން ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކަށްވެސް މި ވެކްސިންގެ އެތައް މިލިއަން ޑޯޒްއެއް ސަޕްލައި ކޮށްފައެވެ. ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ވެކްސިން ޑިޕްލޮމަސީގެ ތެރެއިން، އަވަށްޓެރި ގައުމުތަކަށްވެސް ކޮވިޝީލްޑް ޑޯޒްތައް ހަދިޔާ ކުރިއެވެ.