އިންތިހާއަށް މަސްރަހު ނުތަނަވަސް ވެފައި ވަނިކޮށް، އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ވައިގެ ބަނދަރުން އުދުއްސާލި އެމެރިކާގެ ސީ-17 އަސްކަރި ފްލައިޓްގެ ލޭޑިންގް ގިއަރު ނުވަތަ ފުރޮޅުން އިންސާނުންގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައި ވާ ކަމަށާ، އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް، އެމެރިކާ އެއާފޯސްއިން ބުނެފިއެވެ.

ނިމިގެން މިދާ ހަފުތާގައި ސޯޝަލް މީޑިއާގައި ވައިރަލްވި އެއް ވީޑިއޯއެއްގައި، ސީ-17 އަސްކަރީ ފްލައިޓް، ކާބުލްއިން އުދުއްސާލާއިރު، އެ ބޯޓުގައި އެލިގަނެގެން ބަޔަކު ތިބޭ މަންޒަރު ފެނެއެވެ. އަދި ވައިގެތެރެއަށް ބޯޓު އުދުހިގެން ދާތާ އިރުކޮޅެއް ފަހުން، 2 މީހަކު ވެއްޓޭ މަންޒަރުވެސް ފެނެއެވެ.

https://www.instagram.com/p/CSrb7rmDznq/

މިފަދަ މަންޒަރަކީ ވައިގެ އުދުހުންތަކުގެ ތާރީހުގައި މިއިން ދުވަހަކުވެސް ފެނިފައި ނުވާ ފަދަ މަންޒަރެކެވެ.

އެމެރިކާގެ ވައިގެ އަސްކަރީ ބާރުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ ފްލައިޓަކީ ކާބުލްގައި ހޯމަ ދުވަހު ޖެއްސި ފްލައިޓެއް ކަމަށާ، ގައުމު ދޫކޮށް ދާން ބޭނުން ވެފައި ތިބި އެތައް ސަތޭކަ ބަޔަކު އެ ބޯޓު ވަށާލި ކަމަށެވެ.

ސެކިއުރިޓީ ހާލަތު އިތުރަށް ގޯސްވަމުން ދިއުމުގެ ސަބަބުން، ސީ-17 ގެ ކުރޫއިން ނިންމީ ވީ އެންމެ އަވަހަކަށް އެތަނުން ފުރުމަށް ކަމަށްވެސް އެއާފޯސްގެ ބަޔާނުގައިވެއެވެ.

https://www.instagram.com/p/CSouoZWjWVG/

ކަންމިހެން އޮތް އިރު، އަސްކަރީ ފްލައިޓްގެ ދަތުރުގައި އާންމު ފަރުދުންގެ ފުރާނަ ގެއްލިދިއުމުގެ ހާދިސާއެއް ހިނގި ކަމުގެ ނިޝާންތައް ފެންނަން ހުރުމާއެކު، މިކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އެއާފޯސް އޮފީހުން ހަބަރު ދެއެވެ.

ތޯލިބާނުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއާޕޯޓަށް ޖަމާވެ، ގައުމު ދޫކޮށް ފުރޭތޯ މަސައްކަތް ކޮށްފައެވެ. މި ހަމަނުޖެހުންތަކުގައި، އެއާޕޯޓް ތެރެއިން 5 މީހެއްގެ ފުރާނަ ގެއްލުނު ކަމަށް ހަބަރު ލިބެއެވެ.