ބައިނަލްއަގުވާމީ ތެލުގެ ސިނާއަތަށް ގެއްލުންވަމުން ދާތާ އޯގަސްޓް 17 ވަނަ ދުވަހަށް، ވިދިވިދިގެން 4 ދުވަސް ވެފައި ވާ ކަމަށާ، މިއީ މިއަހަރުގެ މާޗް މަހަށް ފަހު، ތެލުގެ ސިނާއަތަށް މިހާ ދިގު މުއްދަތަކަށް ގެއްލުން ވަމުން ދުވަސްވަރު ކަމަށް ވިޔަފާރި ހަބަރުތައް ބުނެފިއެވެ.

އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން ދިއުމުގެ ސަބަބުން އަނެއްކާވެސް ގިނަ ގައުމުތަކެއް ލޮކްޑައުންއަށް ގޮސް، އިގުތިސޯދީ ހަރަކާތްތައް މަޑުޖައްސާލަމުން ދިއުމަކީ، ތެލުގެ ސިނާއަތަށް މިހާރު ފޯރާފައި ވާ ނޭދެވޭ އަސަރުގެ އަސްލެއް ކަމަށް ބުނެވެއެވެ. މީގެ އިތުރުން އެމެރިކާ ޑޮލަރުގެ އަގު އުފުލުމަކީވެސް ތެލުގެ ސިނާއަތަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާ ކަމެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ތެލުގެ ސިނާއަތް ހެޔޮ ފާލަކަށް އެޅުނު ކަމުގައި ވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް މި ސިނާއަތުގެ އަގުތައް ދާނީ ދަށަށް ކަމަށް، ޖެޕީ މޯގަން ޗޭސް އެންޑް ކޯ ފަދަ ބޭންކުތަކުން ވަނީ ލަފާކޮށްފައެވެ.

ޗައިނާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ޑިމާންޑާއެކު ވިޔަފާރިތަކަށް ކުރިއެރުން ގެނެސްދޭ އެންމެ ބޮޑު ބާޒާރަށް ވެފައި، ޗައިނާއަށްވެސް ޑެލްޓާ ވޭރިއަންޓްގެ ނުރައްކާ ކުރިމަތިވެ، ހިސާބަކަށް ގައުމު ހުއްޓުމަކަށް އައިސްފައި އޮތުމުގެ އަސަރު، ތެލުގެ ސިނާއަތަށްވެސް ދަނީ ކުރަމުންނެވެ.

ބައިނަލްއަގުވާމީ ބާޒާރުގެ ތެލުގެ އަގުތަކަށް ބަލާއިރު، ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓުން ސެޕްޓެމްބަރު ޑެލިވާ ކުރަން ހުރި ޝިޕްމަންޓްގެ ކޮންމެ ފީފާއަކުން 70 ސެންޓް ވެއްޓި، ފީފާއެއްގެ އަގު ވަނީ 66.59 ޑޮލަރަށް ދަށަށް ގޮސްފައެވެ. ބްރެންޓް ކުންފުނީގެ އޮކްޓޯބަރު މަހުގެ ޝިޕްމަންޓަށް ބަލާއިރު، ފީފާއަކުން 48 ސެންޓް އުނިވެ، ފީފާއެއްގެ ޖުމުލަ އަގު، 69.03 ޑޮލަރަށް ވެއްޓިފައި ވާ ކަން ފާހަގަ ކުރަންޖެހެއެވެ.