އއ. ހިމަންދޫ ފެނާ ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީއިން ބުނީ ހިމަންދޫގެ ފެނާ ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތްތައް ކަމަށެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އެރަށަށް ގެންގޮސްފައިވާކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.

އެމްޑަބްލިއުއެސްސީ އިން ކުރިޔަށްގެންދާ މި މަޝްރޫއުގެ ދަށުން ހިމަންދޫގައި 6.35 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމްކުރުމުގެ އިތުރުން އާރް.އޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމަށްޓަކައި ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓު ބެހެއްޓުން ހިމެނެއެވެ. އަދި ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމާއި ގޭގެ ފެ ންމީޓަރުބަހައްޓައިދީ ފެނުގެ ކަނެކްޝަން ގުޅައިދިނުމާއެކު ގޭގެއަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ކުރިޔަށްގެންދާ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 5.31 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގައިމްކުރެވިގެންދާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި 956 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކުރރުން ހިމެނެއެވެ.

މީގެއިތުރުން 3 ޕމްޕިން ސްޓޭޝަނައި 1 ސީއައުޓް ފޯލް ގާއިމްކުރުމާ ގޭގޭގައި ޖަންކްޝަން ބަހައްޓައިދީ ނަރުދަމާ ކަނެކްޝަން ގުޅައިދިނުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. އެމްޑަބްލިއުއެސްސީއިން ބުނީ ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

64،834،544.82 ރުފިޔާގެ މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާންސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ. އަދި މި މަޝްރޫއުގެ މުއްދަތެއްގެ ގޮތުން ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވަނީ 540 ދުވަހެވެ.