މުޅި ދުނިޔޭގެ އެންމެ މަގުބޫލު ފިލްމީ ސިނާއަތުގެ ގޮތުގައި ސިފަ ކުރަމުން އަންނަ ހޮލީވުޑްގެ ތަރިންގެ ތާހިރު ކަމުގެ ވާހަކައަކީ މި ދުވަސްވަރު ސޯޝަލް މީޑިއާގައި އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކައެވެ. ގަވައިދުން ފެންވަރަނީ ކޮން ތަރިންނެއްތޯ ކުރަމުންދާ ބަހުސަކީ، ސޯޝަލް މީޑިއާގައި މިހާރު ފަތުއަޑުކިއާފައި ކުރަމުން ދާތީ އިވޭ ބަހުސެކެވެ.

މި ޗޭނަށް އެންމެ ފަހުން އިތުރުވި ތަރިއަކީ އޮސްކާ އެވޮޑް ހާސިލު ކޮށްފައިވާ މެތިއު މެކޯނަހޭއެވެ. އޭނާ ބުނާ ގޮތުގައި ވިއްޔާ، ޑިއޯޑަރަންޓް ބޭނުން ނުކުރާތާ މިހާރު އެތައް އަހަރެއް ވެދާނެއެވެ. ވަކި މުއްދަތެއް ބުނަނީނަމަ، 30 އަހަރު ވެދާނެއެވެ.

ސެލެބްރިޓީންގެ "ތާހިރު" ކަމުގެ ބަހުސް ފެށުނީ، މަޝްހޫރު ޖޯޑެއް ކަމަށްވާ އޭޝްޓަން ކުޗާއާއި މީލާ ކޫނިސް، އެމީހުންގެ ދަރިފުޅު ކޮންމެ ދުވަހަކު ފެން ނުވަރުވާ ކަމަށް، ފާޅުގައި އިއުތިރާފުވި ހިސާބުންނެވެ. މިއާއެކު، އެކި ސެލެބްރިޓީން ވަނީ ކޮންމެ ދުވަހަކު ފެންވެރުމާއި އަދި ނުވެރުމާ ގުޅޭ ގޮތުން، އެމީހުން ދެކޭ ގޮތް ޕްރޮމޯޓް ކުރަން ފަށާފައެވެ.

ޑިއޯޑަރަންޓާ ދުރު މެތިއު މެކޯނަހޭ ވަނީ، ޑިއޯޑަރަންޓް ނުލީ ކަމުގައި ވީ ނަމަވެސް، ޖިސްމާނީ ސާފު ތާހިރު ކަމަށް އޭނާ ސަމާލުކަން ދޭ ކަމަށް ބުނެފައެވެ. އެގޮތުން، ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު ފެންވަރާ ކަމަށާ، އަދި 5 އަހަރު ދަތް އުނގުޅާ ކަމަށްވެސް ވަނީ ބުނެފައެވެ.

ކްރިސްޓަން ބެލް ވަނީ، ތިމާވެށީގެ ސަބަބުތަކަށްޓަކާ ފެންވެރުވުމާ ދުރުހެލިވެގެން އުޅޭ ކަމަށް އިއުތިރާފްވެފައެވެ. ކަން މިހެން އޮތް އިރު، ޑްވޭން ޖޯންސަންއާއި "އަކުއާމޭން" ފަދަ ބަތޮލުންނަކީ، އެއީ ފެންވެރުމާ ރައްޓެހި ބައެއް ކަމަށް ބުނެފައެވެ.