އަފްގާނިސްތާނުގައި އެކުލަވާލާ އާ ސަރުކާރެއް ބަލައިގަތުމާއި ނުގަތުން ގުޅިފައި ވަނީ، ތޯލިބާނުންގެ އަމަލުތައް ހުރި ގޮތާ ކަމަށް، އަފްގާނިސްތާނުގައި 20 އަހަރު ދުވަހުގެ ހަނގުރާމައެއް ކުރުމަށްފަހު އެ ގައުމުން އަސްކަރީ ފައުޖުތައް ބާލަމުންދާ އެމެރިކާއިން ބުނެފިއެވެ.

އެމެރިކާއިން ވަނީ، އަންހެނުންގެ ހައްގުތައްވެސް ހިމެނޭނެހެން އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާ، ހުރިހާ ފަރާތެއްގެ ޝާމިލުވުމާއި ބައިވެރިވުން އެކުލެވޭ އާ ސަރުކާރެއް އެކުލަވާލުމަށްވެސް އަފްގާނިސްތާނަށް ގޮވާލާފައެވެ.

އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ، ތޯލިބާން ޖަމާއަތުން އަފްގާނިސްތާނުގެ ވެރި ރަށުގެ ކޮންޓްރޯލް ނަގާފައި ވާ އިރު، އެމެރިކާގެ އިތުރުން، އެމެރިކާގެ ބައިނަލްއަގުވާމީ ބައިވެރިންވެސް އަފްގާނިސްތާނުގެ މަސްރަހު ވަރަށް ގާތުން ބަލަމުން ދާނެ ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އަފްގާނިސްތާނުގައި ކުރި ހަނގުރާމައިގެ ތެރެއިން / ފޮޓޯ: ދަ ނިއު ރިޕަބްލިކް

ޕްރެސް ބްރީފެއްގައި ވާހަކަދައްކަވަމުން ޕްރައިސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އަފްގާނިސްތާނުގައި އެކުލަވާލާ އާ ސަރުޚާރަކީ އަސާސީ އިންސާނީ ހައްގުތައް ނަގަހައްޓާ ސަރުކާރަށް ވާންޖެހޭނެ ކަމަށާ، އެ ސަރުކާރަކީ ޓެރަރިސްޓުންނަށް އަމާންވެއްޓެއް ގާއިމު ކޮށްދޭ ސަރުކާރަކަށް ވެގެން ނުވާނެ ކަމަށެވެ. އަފްގާނިސްތާނުގެ އާބާދީގެ 2 ބައިކުޅަ 1 ބައި ކަމުގައި ވާ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް އިހުތިރާމް ކުރާ ސަރުކާރަކަށްވެސް އެ ސަރުކާރު ވާން ޖެހޭނެ ކަމަށާ، މި ކަންކަމަކީ އަފްގާނިސްތާނުގެ އާ ސަރުކާރާއެކުގައި މަސައްކަތް ކުރުމަށްޓަކާ، ކޮންމެހެން ފުރިހަމަ ވާންޖެހޭނެ ޝަރުތުތަކެއް ކަމަށް ޕްރައިސް ވިދާޅުވިއެވެ.

މަޝްވަރާ ކުރުމަކީވެސް މުހިންމު ކަމެއް ކަމަށާ، އެކަން ނުކުރާ ސަރުކާރަކަށް އެމެރިކާގެ ތާއީދު ނޯންނާނެ ކަމަށްވެސް ޕްރައިސް ވިދާޅުވިއެވެ.

އަފްގާނިސްތާނުގައި އެކުލަވާލާ ސަރުކާރަކީ އަފްގާނިސްތާނުން އިސްވެ އޮވެ، އަފްގާނިސްތާނުން ހުރިހާ މަރުހަލާއެއްގެ ކޮންޓްރޯލް ނަގާ، ގައުމީ ސުލްހަ ނަގަހައްޓަނިވި ރޫހެއްގައި އެކުލަވާލާ ސަރުކާރަކަށް ވާން ޖެހޭ ކަމަށް އދގެ ސަލާމަތީ މަޖިލީހުން ބުނެފައި ވާ އިރު، މިކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި އެއްބަސް ވެވޭ ކަމެއް ކަމަށްވެސް ޕްރައިސް ވަނީ ވިދާޅުވެފައެވެ.

ގައުމުތަކުން ދަނީ ޓެރަރިސްޓް ސަރުކާރަކަށް ނޫނެކޭ ބުނަމުންނެވެ. އަފްގާނިސްތާނުގެ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން، މިވަގުތު ވަކި އެއްޗެއް ބުނަން ނެތް ކަމަށް، ދަ ޕްރެސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.