ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި އޭނާގެ މައްޗަށް ކުރައްވާ ދައުވާއަށް އިންކާރު ކުރައްވައިފިއެވެ.
ޑރ. މުއިއްޒުގެ މައްޗަށް ކުރަނީ އޭނާ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ނޫމަޑި ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލް ކުރުމުން ނޫމަޑިން 155 މިލިއަން ޑޮލަރު ހޯދަން ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި ނެދަލޭންޑްސްގައިި ހުންނަ ދަ ހޭގްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންގައި ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި ދޮޮގު ބަޔާނެއް ދެއްވި ކަމުގެ ދައުވާއެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މުއިއްޒުގެ ވަކީލުން ދައުލަތަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފައިވެއެވެ. އެގޮތުން ދައުވާގައި ދައުލަތުން ރަސްމީ އިދާރާއަކަށް ދޮގު ބަޔާނެއް ދިން ވާހަކަ ބުނެފައިވާތީ އެ ރަސްމީ އިދާރާ އަކީ ކޮބައިތޯ ސުވާލު ކުރިއެވެ. އަދި މުއިއްޒު ދެއްވި ކަމަށް ބުނާ ބަޔާން އާބިޓްރޭޝަނަށް ދެއްވީ ކޮން ފަރާތަކުންތޯ ވެސް ސުވާލު ކުރިއެވެ.
ސުވާލުތައް ކޮށް ނިންމުމަށްފަހު ދައުވާ އަށް އިންކާރު ކުރައްވާ ކަމަށް މުއިއްޒުގެ ވަކީލުން ވިދާޅުވިއެވެ. އަދި ދައުލަތުން ފާހަގަކުރާ އެއްވެސް ތަނަކަށް މުއިއްޒުގެ ފަރާތުން ބަޔާނެއް ދެއްވާފައި ނުވާނެ ކަމަށް ވަކީލުން ވިދާޅުވިއެވެ.
މި މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލެއްވުމަށް ފަހު ގާޒީ ސޮފްއަތު ހަބީބް ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އަޑުއެހުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ އަޑުއެހުމުގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްގެ ކަންކަމާ ގުޅޭ ގޮތުން ދޮގު ބަޔާން ދެއްވާފައިވާތީ މުއިއްޒުގެ މައްޗަށް ގާނޫނު ނަންބަރު 2014/09 ގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
ދެ ކަމެއްގައި މުއިއްޒު ދޮގު ބަޔާން ދިން ކަމަށް ޕީޖީން ފާހަގަކުރެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކުންފުނީގެ ހެކިވެރިއަކަށްވެ ހުރެ ހައުސިންގް ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާ އެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރުގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ވަނަ އަހަރު ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަަމަށް ވިދާޅުވެ މުއިއްޒު ދެއްވާފައިވާ ދޮގު ބަޔާނުގެ މައްސަލައަކީ އެއް ކަމެއް ކަމަށް ޕީޖީން ފާހަގަ ކުރެއެވެ.
މީގެ އިތުރުން ނޫމަޑިއަށް ލަގްޒަރީ ވިލާއެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ވިދާޅުވެ މުއިއްޒު ދެއްވާ ފައިވަނީ ދޮގު ބާޔަން ކަމަށް ޕީޖީން ބުނެއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ފުލުހަށް ހާޒިރުކޮށް މުއިއްޒުގެ މައްޗަށް ވަނީ ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި ދައުލަތުގެ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ކޮށްފައެވެ.