އަފްގާނިސްތާނުގެ ވެރިރަށް ތޯލިބާން ހަނގުރާމަވެރިން ހިފުމާއެކު އެ ގައުމު ދޫކޮށް ދާން މަސައްކަތް ކުރާ ރައްޔިތުން، އެގައުމުގެ ވައިގެ ބަނދަރުން ނައްޓާލި ބޯޓެއްގައި އެލިގަނެގެން ތިބި އިރު އޭގެތެރެއިން ދެ މީހަކު ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ.
ތާލިބާންގެ ހަނގުރާމަވެރިން ކާބުލް އަށް ވަދެ ރިޔާސީ ގަނޑުވަރު ހިފާ، ހަނގުރާމަ ކާމިޔާބު ވެއްޖެކަން އިއުލާން ކޮށްފައި ވާއިރު، އެ ގައުމުގެ ރައްޔިތުން ހާސްކަމާއި ބިރުވެރިކަމާއެކު އެ ގައުމުން ފުރައިގެން ދިއުމަށް އަންނަނީ އެތައް މަސައްކަތެއް ކުރަމުންނެވެ. އޭގެ ތެރެއިން އެއްބަޔަކު އެއްގަމު މަގުން ކާބުލް އިން ބޭރުވާން މަސައްކަތް ކުރާއިރު އަނެއްބަޔަކު ދަނީ ވައިގެ މަގުން ގައުމު ދޫކޮށް ހިޖުރަކުރަމުންނެވެ. ހަމަ އެހެންމެ އަފްގާނިސްތާނުގައި ތިބި ބޭރު ގައުމުތަކުގެ މީހުން ފުރަފުރައިގެން ދާއިރު، 2 މީހަކު ވެއްޓޭތަން ފެންނަ ބޯޓަކީ އެގަމުގައި ތިބި އެމެރިކާ ސިފައިންނާއި އޮފިޝަލުން ގޮވައިގެން ފުރާ ބޯޓެކެވެ.
އެ ބޯޓު ނައްޓާލާއިރު ގިނަ ބަޔަކު ފިޔަގަނޑުގައި އެލިގަނެގެން ތިބޭތަން ފެންނަ އިރު އަނެއްބަޔަކު ތިބީ ފުރޮޅުތަކުގައި އެލިގަނެގެންނެވެ.
އެ ވީޑިއޯއިން ފެންނަނީ ޔޫއެސް އެއާފޯސްގެ މަތިންދާ ބޯޓު ނައްޓާލާ އިރު އެ ސަރަހައްދުގައި ގިނަ ބަޔަކު އެއްވެ އެ ބޯޓައް އެއްބަޔަކު އަރަން މަސައްކަތް ކުރާ އިރު އަނެއްބަޔަކު ބޯޓާ އެއްވަރަށް ދުވަމުންދާ މަންޒަރެވެ. އެ ވަގުތު އެ ބޯޓުގައި އެތައް ބަޔަކު އެލިގެން ތިބޭ މަންޒަރު އެ ވީޑީއޯ އިން ފެނެއެވެ.
ހަމައެއާއެކު އެ މަތިންދާ ބޯޓު ވައިގެ ތެރޭގައި އުދުހެމުން ދަނިކޮށް އޭގައި އެލިގެން ތިބި މީހުންގެ ތެރެއިން ދެ މީހަކު ވެއްޓޭ މަންޒަރު ފެންނެއެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވާ ވީޑިއޯއިން ފެންނަނީ، އެ ބޯޓު ނައްޓާލި ވަގުތު ބޯޓުގެ ފުރޮޅުގައި އެލިގެން ތިބި ބަޔަކު ވެއްޓޭ މަންޒަރެވެ. އެ ވީޑިއޯއަށް ކޮމެންޓް ކުރި ގިނަ މީހުން ބުނެފައި ވަނީ އެއީ ގަބޫލު ކުރަން ދަތި ނަމަވެސް އެތައް ފުން އަސަރުތަކެއް ކުރުވި މަންޒަރެކެވެ.
ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ފުރޮޅުގައި 3 މީހަކު އެލިގެން ތިބި ތަން ދުށް މީހުން ތިއްބެވެ. ކާބުލްގެ ރައްޔިތަކާ ހަވާލާދީ އަވަސްކާ ނޫހުން ބުނެފައި ވަނީ ވައިގެ ތެރޭގައި އެ އެއާކްރާފްޓް އުދުހެމުން ދަނިކޮށް އޭގައި އެލިގަނެގެން ތިބި ޒުވާން 3 ފިރިހެނުން ވެއްޓުނީ ބަޔަކު ދިރިއުޅޭ ގެއެއްގެ ފުރާޅު މައްޗަށް ކަމަށެވެ.
އެ އެއާކްރާފްޓުން މީހުން ވެއްޓުނު ވަގުތު ބާރުގަދަ އަޑުފައްގަނޑެއް އިވުނު ކަމަށް ވެސް އެ ނޫހުން ބުނެފައި ވެއެވެ. އެ އެއާކްރާފްޓް ނައްޓާލި ވަގުތު ހާމިދް ކަރްޒާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި ބަޑި ޖަހާފައިވާ ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައި ވެއެވެ. އެ ހަމަލާގައި 5 މީހަކު މަރުވެފައިވާ އިރު އެތައް ބަޔަކު ވަނީ ޒަހަމް ވެފައި ކަމަށް ވެސް އެ ނޫހުން ބުނެފައި ވެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ތާލިބާނުން ކާބުލްއަށް އެރުމާއެކު ގައުމުން ފުރައިގެން ދިއުމަށް އެތައް ރައްޔިތުންނެއް އެއާޕޯޓުތެރެއަށް ވަނުމާ ގުޅިގެން ކަމަށް ވެސް އެ ނޫހުން ބުނެފައި ވެއެވެ.
ތޯލިބާނުން އަފްގާނިސްތާނު ހިފާފައި ވާއިރު އެގައުމުގެ ރައީސް ވަނީ ފިލައިގެން އެހެން ގައުމަކަށް ގޮސްފައެވެ. ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ މީހުން ވަނީ، ހާސް ކަމުގެ ތެރޭގައެވެ. އާންމުންގެ އެތައް ބަޔަކު މިހާރުވެސް ދިރިއުޅެމުން ދަނީ ޕާކުތަކާއި އެނޫން ވެސް ހުސްބިން ތަކުގައެވެ. މިހާރު އެ ގައުމުގެ އެތައް ބަޔަކު ބޭނުން ވަނީ ގައުމު ދޫކޮށް ދާށެވެ.