މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ބޭނުންކުރާ ބޭންކް އެކައުންޓްތަކެއް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ އެކި ފަރާތްތަކުން ބޭނުންކުރަމުންގެންދާ ފޭސްބުކް އެކައުންޓްތައް ހެކްކޮށް އެ އެކައުންޓްތަކުގެ ވެރިފަރާތުގެ ނަމުގައި އެކިއެކި ފަރާތްތަކާ މުއާމަލާތްކޮށް މަކަރާ ހީލަތުން ފައިސާ ހޯދަމުންދާ ކަމަށެވެ.

އަދި މިގޮތަށް މަކަރާ ހީލަތުން ފައިސާ ހޯދަމުންގެންދާ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާ އޮޅުވާލައިގެން ފައިސާ ޖަމާކުރުވަމުންދާ އެކައުންޓްތަކެއް ކަމަށް ފާހަގަކުރެވޭ އެކައުންޓްތަކުގެ ނަންބަރުތައް ހޯދިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މިގޮތަށް ފާހަގަކުރެވޭ 6 އެކައުންޓެއްގެ އެކައުންޓް ނަންބަރު ހޯދާފައެވެ.

އެ އެކައުންޓް ނަންބަރުތަކަކީ:

  • 7730000304660
  • 7730000089422
  • 7730000042772
  • 7730000364429
  • 7730000203888
  • 7770000000544

ފޭސްބުކް އެކައުންޓެއް މެދުވެރިކޮށް ނުވަތަ އެހެނިހެން ގޮތް ގޮތުން ނަމަވެސް ކުރެވުނު މުއާމަލާތެއްގެ ތެރެއިން މަތީގައި ފާހަގަކުރެވުނު އެކައުންޓަކަށް ނުވަތަ އެކައުންޓް ތަކަކަށް ފައިސާ ޖަމާ ކުރެވިފައިވާނަމަ އެކަން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓު ނަންބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިހާރަކަށް އައިސް އޮޅުވާލައިގެން ފައިސާ ހޯދުމާއި ފޭކް ސްލިޕް ހަދައިގެން މުދާ ހޯދުން ވަނީ އިތުރުވެފައެވެ. މިފަދަ ފަރާތްތަކުން ފައިސާ ހޯދަނީ މެސެޖް ކޮށްގެންނާ އެކި ފޯންކޯލްތައް ކޮށްގެންނެވެ.

އެގޮތުން މިއަހަރުގެ ޖޫން މަހާ ހަމައަށް ފޯން ކޯލް ކޮށްގެންނާއި މަކަރާ ހީލަތުން އެކި އުކުޅުތައް ބެނުންކޮށްގެން 7.4 މިލިއަން ރުފިޔާ މީހުން އަތުން ހޯދާފައިވާކަމަސް ފުލުހުން މައުލޫމތު ދެއެވެ.