ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އޮފީސް އަނެއްކާވެސް ފަޅާލައިފިއެވެ.

މިއީ މި އަހަރު ތެރޭ އެ އޮފީސް ފަޅައިލި ތިން ވަނަ ފަހަރެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި މައްސަލަ ހުށައަޅާފައިވާ ކަމަށާއިއެ މައްސަލައާއި ގުޅިގެން ފުލުހުން މިވަގުތު އަންނަނީ ސީންގައި ހަރަކާތްތެރިވަމުން ކަމަށެވެ.

އޮފީސް ފަޅާލައިގެން އެތަނުން އެއްޗެއް ގެންގޮސްފައިވާ ކަމެއް އަދި މި ކަމުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ވަގުން އޮފީހަށް ވަދެފަައިވަނީ އޮފީހުގެ ފުރާޅުން ޓިނު ނަގައިގެން ސީލިންގެ ހަލާކުކޮށްލުމަށްފަހުގައެވެ.

މޯލްޑިވްސް ޝިޕިންގް ލިމިޓެޑުގެ އިމާރާތުގައި ހިންގާ އާރްޑީސީގެ އޮފީހަށް މި އަހަރު އޭޕްރިލް މަހު ވެސް ބަޔަކު ވަދެ 100،000 ރުފިޔާ ވަގަށް ނެގިއެވެ. އޭގެ ހަފްތާއެއް ފަހުން އަނެއްކާ ވެސް އެ އޮފީސް ފަޅާލައި 3000 ރުފިޔާ ވަނީ ވަގަށް ނަގައިފައެވެ.

އޭރު ހިނގި ވައްކަންތަކާ ގުޅިގެން ވެސް އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް އެނގިފައެއް ނުވެއެވެ.