ހަނގުރާމަ ގަދަވެފައި ވާ އަފްގާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ، އެ ގައުމު ދޫކުރައްވާ ފުރާވަޑައިގެންފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އަފްގާނިސްތާނުގެ ދާހިލީ ވުޒާރާގެ އޮފިޝަލަކާ ހަވާލަދީ، ރޮއިޓާޒްއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ޣަނީ ފުރާވަޑައިގެންފައި ވަނީ، އަފްގާނިސްތާނާ ސަރަހައްދީ އިން ހިއްސާ ކުރާ ގައުމެއް ކަމަށް ވާ ތަޖިކިސްތާނަށެވެ.

އަފްގާނިސްތާން ދޫކުރައްވާ ޣަނީ ފުރާވަޑައިގެންފައި ވާ މި ދަނޑިވަޅަކީ، އަފްގާނިސްތާނުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނަގާފައި ވާ ތޯލިބާން ހަނގުރާމަވެރިން، އެ ގައުމުގެ ވެރިކަން ކުރާ ކާބުލް، ހުރިހާ ފަރާތަކުން ވަށާލަފައި ވާ ދަނޑިވަޅެކެވެ.

މި ދަނޑިވަޅުގައި ގައުމު ދޫކުރައްވާ ޣަނީ ފުރާވަޑައިގަތްތޯ ނުވަތަ ނުވަތަ ނޫން ތޯ ކަށަވަރު ކުރުމަށް ބައިނަލްއަގުވާމީ މީޑިއާއިން ސުވާލު ކުރުމުން، ސަލާމަތީ ސަބަބުތަކަށްޓަކާ، ރައީސްގެ ހަރަކާތްތައް ހުރި ނެތް ގޮތް ބަޔާން ކޮށްދެވެން ނެތް ކަމަށް، އަފްގާނިސްތާނުގެ ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކަން މިހެން އޮތް އިރު، ތޯލިބާން ޖަމާއަތުން ވަނީ ޣަނީ ފުރާވަޑައިގެންނެވި ރިޕޯޓްތައް ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

ތޯލިބާނުން ވަނީ، ބާރުގެ ބޭނުން ކޮށްގެން ކާބުލް ނުހިފާނެ ކަމަށާ، އުއްމީދު ކޮށްގެން އޮތީ ސުލްހަވެރި ކަމާއެކު ބާރުތައް ހަވާލު ކުރާނެ ވަގުތަކަށް ކަމަށްވެސް ބުނެފައެވެ. އަދި މިފަދަ މަޝްވަރާތަކެއް ކުރިއަށް ދާ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.