އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން، އެ ގައުމުގެ ވެރިރަށް ކާބުލް، ހުރިހާ ފަރާތަކުން ވަށާލާފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ހުރިހާ ދިމާއަކުން ތޯލިބާންގެ ހަނގުރާމަވެރިން ކާބުލްއަށް ވަދެގެންފައި ވާ ކަމަށް، އަފްގާނިސްތާނުގެ ދާހިލީ ވުޒާރާއާ ހަވާލާދީ އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ނަމަވެސް ތޯލިބާނުންގެ ތަރުޖަމާނު، ސުހައިލް ޝާހީން ވަނީ އެކަން ދޮގު ކޮށްފައެވެ. އޭނާ ބުނާ ގޮތުގައި، ތޯލިބާން ހަނގުރާމަވެރިން އަދިވެސް ތިބީ ކާބުލްގެ ރަށް ބޭރު ސަރަހައްދުގައެވެ.

ތޯލިބާން ހަނގުރާމަވެރިން ގަދަ ބާރުން ކާބުލްއަށް އަރައި ނުގަންނާނެ ކަމަށް ބުނެ ބަޔާނެއްވެސް އާންމު ކޮށްފައި ވާނެ ކަމަށް ޝާހީން ބުނެއެވެ. އަދި މަޝްވަރާތައް މިހާރުވެސް ކުރިއަށް ދާ ކަމަށާ، މަޑުކޮށްގެން ތިބީ، ސުލްހަވެރި ކަމާއެކު ވެރިރަށުގެ ބާރުތައް ހަވާލު ކުރާނެ ވަގުތަކަށް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކާބުލްގެ މަސްރަހަށް ބަލާއިރު ސައިރަންގެ އަޑާއި ބަޑީގެ އަޑުފަށްގަނޑު އިވެމުންދާ ކަމަށް ހަބަރު ލިބެއެވެ.މީގެ އިތުރުން، ވައިގެ މަގުން ހަމަލާ ދެމުން ހެލިކޮޕްޓަރުތައް ދުއްވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ތޯލިބާނުންގެ ބާރު ގަދަ ކުރަމުން ދާއިރު، އަފްގާނިސްތާނުގެ ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ މީހުން ވަނީ، ހާސް ކަމުގެ ތެރޭގައި އޮފީސްތައް ދޫކޮށް ގޮސްފައެވެ. އާންމުންގެ އެތައް ބަޔަކު މިހާރުވެސް ދިރިއުޅެމުން ދަނީ ޕާކުތަކާއި އެނޫންވެސް ހުސްބިންތަކުގައެވެ.

އަފްގާނިސްތާނުގެ ރައީސް، އަޝްރަފު ޣަނީގެ ޗީފް އޮފް ސްޓާފް ވަނީ ރައްޔިތުން ހާސް ވާންޖެހޭ ވަރުގެ ކަމެއް ނުވާ ކަމަށް ވިދާޅުވެފައެވެ.