ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ ފަރާތްތަކަށް، އިތުރު ދިފާއެއް ދިނުމުގެ ނަމުގައި ބައެއް ގައުމުތަކުން ބޫސްޓާ ޑޯޒް ޖަހަން ފަށާއިރު، މި ނިންމުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ، މި ބަލީގައި ގެއްލި ހިނގައިދާނެ ކަމުގެ އިންޒާރު، ތަޖުރިބާކާރުންތަކެއް ދެއްވައިފިއެވެ.

އޮކްސްފޯޑް ވެކްސިން ގުރޫޕްގެ އިސްވެރިޔަ ވަނީ، 3 ވަނަ ދުނިޔޭގެ ގައުމުތައް ނުވަތަ އިންތިހާ ފަގީރު ކަމުގައި ވާ ގައުމުތަކާ ވެކްސިން ހިއްސާ ނުކުރާނަމަ، ކޮވިޑްގައި އަދިވެސް އިތުރު ބައެއްގެ ފުރާނަ ގެއްލިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ބައިނަލްއަގުވާމީ ވެކްސިން އެލާޔަންސް (ގާވީ)ގެ އިސް އޮފިޝަލުން ކަމަށްވާ ޕްރޮފެސާ ސާ އެންޑްރޫ ޕޯލާޑްއާއި ސެތު ބާކްލޭ ވަނީ، ފަގީރު ގައުމުތަކުގެ އާބާދީއަށް، ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒްވެސް އަދި ފޯރުކޮށްދެވިފައި ނުވާ ކަން ފާހަގަ ކުރައްވާފައެވެ. އަދި މިކަމުގެ ނަތީޖާ ވަރަށް ސީރިއަސް ވެދާނެ ކަމުގެ އިންޒާރުވެސް ވަނީ ދެއްވާފައެވެ.

މުއްސަނދި ގައުމުތަކުން ފުޅާ ދާއިރާއެއްގައި ބޫސްޓާ ޑޯޒް ޖަހަން ފެށުމަކީ، އެފަދަ ޑޯޒްއަކީ ކޮންމެހެން ޖަހަން ޖެހޭ ޑޯޒްއެއް ކަމުގެ ސިގުނަލް ދުނިޔެއަށް ދޭ ކަމެއް ކަމަށް ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ވެކްސިން ނިޒާމުގެ ތެރެއިން ގިނަ އަދަދެއްގެ ޑޯޒްތައް ނިގުޅައިގަނެވިގެން ދާނެ ކަމަށާ، އެންމެ ޑޯޒްއެއްވެސް ނުލިބުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ނެތި ހިނގައިދިއުމަށް ފުރުސަތު އޮންނާނެ ކަމަށްވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ސައެންސްގެ އަލީގައި މާ ބޮޑު ހެއްކެއް ނެތި އެތައް މިލިއަން ބަޔަކަށް ބޫސްޓާ ޑޯޒް ޖަހާފައި ވުމަކީ، ގައުމުތަކުގެ ލީޑަރުންގެ މައްޗަށް އޮތް އިންސާނިއްޔަތު ކަމުގެ ޒިންމާއަށް ފުރަގަސްދިނުމުގެ އަމަލެއްގެ ގޮތުގައި ތާރީހުގައި ލިޔެވިގެން ދާނެ ކަމެއް ކަމަށްވެސް ތަޖުރިބާކާރުން ވަނީ ވިދާޅުފައެވެ.

މިފަދަ ރޫހެއްގައި ސިއްހީ ތަޖުރިބާކާރުން އިންޒާރު ކުރައްވަމުން ގެންދާއިރު، އިޒްރޭޅުން ވަނީ، 50 އަހަރުން މަތީގެ މީހުންނަށް ބޫސްޓާ ޑޯޒް ޖަހަން ފަށާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔަ (ޑަބްލިއުއެޗްއޯ) އިން ވަނީ، އެންމެ ކުޑަ މިނުން، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބޫސްޓާ ޑޯޒްތައް މަޑުޖައްސާލަން ގޮވާލާފައެވެ.