ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ދުނިޔެ ނުދެކޭ ފަދަ ތޫފާނީ ރާޅަކާ ކުރިމަތިލާން ޖެހުނު އަވަށްޓެރި އިންޑިއާގެ ސިއްހީ ހިދުމަތްތެރިންނާއި ސައެންސްވެރިންނަށް، އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ތައުރީފު ކުރައްވައިފިއެވެ.

އިންޑިއާގެ ސިއްހީ ހިދުމަތްތެރިންނާއި ސައެންސްވެރިންނަށް މޯދީ ތައުރީފު ކުރައްވާފައި ވަނީ، މިއަދު ފާހަގަ ކުރަމުން ދާ އިންޑިއާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ތަގުރީރުގައެވެ.

މޯދީ ވަނީ ކޮވިޑް-19ގައި މަރުވެ ދިޔަ މީހުންގެ ހަނދާން އާ ކުރައްވާ، އެ މީހުންގެ ވަކިވެ ދިއުމަކީ، އިންޑިއާގެ އަދުގެ ޖީލުގައި ތާ އަބަދަށް އަޅަމުން ދާނެ ވޭނެއް ކަމަށް ސިފަކުރައްވާފައެވެ.

އިންޑިއާޣެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އެ ގައުމުގެ 75 ވަނަ މިނިވަން ދުވަހުގެ އިހުތިފާލުގައި / ފޮޓޯ: އިންޑިއާ ޓުޑޭ

މޯދީ ވަނީ، ކޮވިޑް-19 އާ އިންޑިއާއިން ކުރިމަތިލާ، ހަނގުރާމަ ކުރީ، އާދަޔާ ހިލާފު ދުވެއްޔެއްގައި ކަން ފާހަގަ ކުރައްވާފައެވެ.

ނަމަވެސް، މި އަހަރުގެ މެއި މަހާއި އޭޕްރިލް މަހު އިންޑިއާއަށް ކުރިމަތިލާން ޖެހުނު ކޮވިޑްގެ ތޫފާނާއެކު، ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ، މޯދީގެ ސަރުކާރަށް އަމާޒުވެފައެވެ. ކޮވިޑްގެ 2 ވަނަ ރާޅުގައި އިންޑިއާއިން އެތައް މިލިއަން ބަޔަކަށް އިންފެކްޝަންގެ އަސަރު ކުރިއިރު، ބައިނަލްއަގުވާމީ މުޖުތަމައަށް ފެނިގެން ދިޔައީ، ދުނިޔޭގެ ބޭސް ފިހާރައިގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އައި އިންޑިއާގެ ސިއްހީ ނިޒާމް އިނދަޖެހުނު މަންޒަރެވެ. އޮކްސިޖަންއާއި މުހިންމު ބޭސްތަކާއި އިތުރު ފަރުވާގެ ނިޒާމްތައް މުޅިންހެން ހުސްވި މަންޒަރެވެ.

ވެރިރަށް ނިއުދިއްލީގެ ރެޑް ފޯޓް ކޮމްޕްލެކްސްގައި ހުންނަވާ، ގައުމާ މުހާތަބު ކުރައްވާ ތަގުރީރު ކުރައްވަމުން މޯދީ ވަނީ އިންޑިއާގެ ވެކްސިން މަޝްރޫއަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން އިންޑިއާގެ އާބާދީގެ 500 މިލިއަނަށް ވުރެ ގިނަ މީހުން މިހާރު ވަނީ އެންމެ މަދުވެގެން ކޮވިޑްގެ 1 ޑޯޒް ވެކްސިން ޖަހާފައި ކަމަށް ވިދާޅުވިއެވެ. އިންޑިއާއިން ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައި ވަނީ އާބާދީގެ 12 ޕަސެންޓް މީހުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، ކޮވިޑް ވެކްސިން ކާރުހާނާއެއް ބައްލަވާލައްވަނީ / ފައިލް ފޮޓޯ: ކުއިންޓް

އިންޑިއާގެ ސަރުކާރުން އަމާޒު ހިފާފައި ވަނީ، މި އަހަރު ނިމުމުގެ ކުރިން، އެ ގައުމުގެ އާބާދީގެ 18 އަހަރުން މަތީގެ އެންމެންނަށް ޑޯޒްތައް ފުރިހަމަ ކޮށްދިނުމަށެވެ. ނަމަވެސް ސަޕްލައިގެ މައްސަލަތައް ކުރިމަތިވުމާއި، ވެކްސިން ޖެހުމަށް އަދިވެސް ބައެއް މީހުން ދެކޮޅު ހަދަމުން ދިއުމުގެ ސަބަބުން މިކަން ކާމިޔާބު ވާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮވިޑްގެ އިތުރުން މޯދީ ވަނީ އިންޑިއާގެ ތަރައްގީގެ ވާހަކަތަކަށްވެސް ތަގުރީރުގައި އަލިއަޅުއްވާލައްވާފައެވެ. އެ ގޮތުން މިހިނގާ އަހަރަކީ، އިންޑިއާ ކުރިއަރާ ދިއުމުގެ ވާހަކައަށް 25 އަހަރު ފުރޭ އަހަރު ކަން މޯދީ ވަނީ ފާހަގަ ކުރައްވާފައެވެ. އިންޑިއާއިން މުދާ އެކްސްޕޯޓް ކުރާ މިންވަރު އިތުރު ކުރުމާ، އިންޑިއާގައި ދާހިލީ ފެންވަރުގައި ސިނާއީ ކުރިއެރުން މެކުހަށް ޖެހުމާ، އާ އީޖާދުތައް ޕްރޮމޯޓް ކުރުން ފަދަ ކަންކަމުގެ މައްޗަށް، މޯދީ ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި އިގުތިސޯދީ ގޮތުން ހާސިލުވާ ފައިދާތަކަކީ، އިންޑިއާގެ ކޮންމެ އަވަށަކާ ހިސާބަށް ފޯރަން ޖެހޭނެ ފާއިދާއެއް ކަން، ކަށަވަރު ކުރުމަށް، އޭނާގެ ސަރުކާރުން އަމާޒު ހިފާފައި ވާ ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. އެއީ އިނގިރޭސިންގެ އަޅުވެތިކަމުން މިނިވަންކަން ލިބުމުގެ މުނާސަބާއާ ގުޅުވައިގެންނެވެ.