ހއ.ތަކަންދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށް ދާކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތްތައް ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާ އެހެނިހެން ތަކެތި މިހާރު ތަކަންދޫއަށް ގެންގޮސްފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފައެވެ.
އެމަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 8.37 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާ، އާރްއޯ ފެސިލިޓީ ބިލްޑިންް އިމާރާތް ކުރުމާ، ފެން އުފެއްދުމަށްޓަކާ 2 އާރްއޯ ޕްލާންޓް ބެހެއްޓުމާ، ފެން ރައްކާކުރުމަށްޓަކާ 3 ތާންގީ ބެހެއްޓުން ހިމެނޭ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.
މީގެ އިތުރުން، ގޭގޭގައި ފެންމީޓަރި ބަހައްޓަާ، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފައެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 6.33 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާ، 1.04 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާ، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާ، 3 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނޭ ކަމަށެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓާ، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން އެމަޝްރޫއުގެ ދަށުން ފެނާ ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓާ ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ ތަކަންދޫގެ ފެނާ ނަރުދަމާގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
އެމަޝްރޫއުގެ އަގަކީ ޖުމްލަ 76,7 މިލިއަން ދިވެހި ރުފިޔާއެވެ.އެ މަޝްރޫއުގެ މުއްދަތަކީ 540 ދުވަހެވެ. އެމަޝްރޫއުގެ މަސައްކަތް ނިމުމުން ތަކަންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާ ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފައެވެ.