ހަނގުރާމަ ގަދަ ވެފައި ވާ އަފްގާނިސްތާނުގެ އުތުރުގެ ސަރަހައްދުގައި އެ ގައުމުގެ މައި ސަރުކާރުގެ ކޮންޓްރޯލް އެންމެ ފަހުން އޮތް ސަރަހައްދުވެސް، ތޯލިބާން ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

އުތުރުގެ މައި ސިޓީތަކުގެ ތެރެއިން ސަރުކާރުގެ ކޮންޓްރޯލް އޮތް ސަރަހައްދުތަކުން ފަހަރަކު ސަރަހައްދެއް ތޯލިބާނުންގެ ބާރުގެ ބާރުގެ ދަށަށް ގެންދަމުން ގޮސް، އެންމެ ފަހުން އޮތް މަޒާރީ ޝަރީފުގެ ކޮންޓްރޯލް ނަގާފައި ވާއިރު، މިއީ ތޯލިބާނުންނަށް ލިބުނު ވަރުގަދަ ކާމިޔާބީއެއްގެ ގޮތުގައި އަންނަނީ ސިފަކުރަމުންނެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގެންފައި ވާ އަފްގާނިސްތާނުގެ މައި ސަރުކާރުގެ ރައީސް އަޝްރަގު ޣަނީ ވަނީ، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މަޒާރީ ޝަރީފަށް ވަޑައިގެން، އެތަނުގައި ހަނގުރާމަ ކުރަމުން އަފްގާނިސްތާނުގެ ސަލާމަތީ ބާރުގެ ފައުޖުތަކަށް ހިތްވަރު ދެއްވާފައެވެ.

އަފްގާނިސްތާނުގެ ރައީސް އަޝަރަފު ޣަނީ/ފޮޓޯ: ރޮއިޓާޒް

ސަރަހައްދީ އޮފިޝަލުންނާ ހަވާލާދީ ބީބީސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ބަލްހް ޕްރޮވިންސްގެ ވެރި ރަށުގެ ގޮތުގައި އޮތް މަޒާރީ ޝަރީފު، ތޯލިބާނުންގެ ބާރުގެ ދަށަށް ގެންދިޔައީ މާ ބޮޑު ތަޅާފޮޅުމަކާ ނުލައެވެ.

ބަލްހް ޕްރޮވިންސުން އެސޯސިއޭޓަޑް ޕްރެސްއާއި ވާހަކަދެއްކެވި މަޖިލިސް މެންބަރެއް ކަމަށް ވާ އައްބާސް އިބްރާހީމްޒާދާ ވިދާޅުވީ، އެންމެ ފުރަތަމަ އަމާން ދިނީ ގައުމީ ދިފާއީ އަސްކަރިއްޔާއިން ކަމަށެވެ. އޭގެ ފަހުން ސަރުކާރަށް އެއްބާރުލުން ދޭ ފައުޖުތަކުން ކަމަށެވެ.

މަޒާރީ ޝަރީފަކީ އަފްގާނިސްތާނުގައި 4 ވަނަ އަށް އެންމެ ބޮޑު ސިޓީއެވެ. އުޒްބަކިސްތާނާއި ތަޖިކިސްތާނާއި ބޯޑަރުގެ ގޮތުން ގާޓް މަޒާރީ ޝަރީފަކީ، އިގުތިސޯދީ މަރުކަޒެއްވެސްމެއެވެ. އެންމެ ފަހުން ތޯލިބާނުން މި ސިޓީގެ ކޮންޓްރޯލް ނެގީ 1990ގެ އަހަރުތަކުގެ ތެރޭގައެވެ.

އަފްގާނިސްތާނުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް، ތޯލިބާން ހަނގުރާމަވެރިން ނަގާފައި ވާ އިރު، އެ ޖަމާއަތުން ވަނީ، ވެރިރަށް ކާބުލް ހިފުމާ ގާތަށް ޖެހިލާފައެވެ.

ކުންދޫޒް ސިޓީ ތޯލިބާނުންގެ މުށުތެރެއަށް ދިއުމަކީ އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކަށް ލިބުނު ބޮޑު ދެރައެއް / ފޮޓޯ: ރޮއިޓާޒް

ކަން މިހެން އޮތް އިރު، މިލިއަނެއްގެ 4 ބައިކުޅަ 1 ބައި ހާ މީހުންގެ ގެދޮރު ގެއްލި، ރައްކާތެރި ކަމެއް ހޯދުމުގެ އުއްމީދުގައި ގިނަ ބަޔަކު ވަނީ ކާބުލްއަށް ދަރިއުޅުން ބަދަލު ކޮށްފައެވެ.

ހަރުކަށި ކަމުގައި ހައްދު ފަހަނައަޅާފައި ވާ ފިކުރުގެ ތޯލިބާން ޖަމާއަތުން އަފްގާނިސްތާނަށް އަތްގަދަ ކުރަމުން ދާ އިރު، އެކި ގައުމުތަކުން ދަނީ، އަފްގާނިސްތާނުގައި ތިބި އެ ގައުމުތަކުގެ ރައްޔިތުން އަފްގާނިސްތާނުން ނެރުމުގެ މަސައްކަތް ކުރަމުންނެވެ.

ހޮނިހިރު ދުވަހުގެ ވަގުތެއްގައި އާންމު ކުރެއްވި ޓީވީ ހިތޯބެއްގައި ރައީސް އަޝްރަފު ޣަނީ ވަނީ، ސަރުކާރުން އެންމެ އިސްކަމެއް މިވަގުތު ދެއްވަނީ، އިތުރު ގެއްލުންތައް ދިނުމާއި، މީހުންގެ ގެދޮރު ގެއްލި ދިއުމުން ސަލާމަތް ކުރުމުގެ އަމާޒުގައި، އަސްކަރިއްޔާގެ ލަޝްކަރުތައް އަލުން ރުކުރުވާލުމަށް ކަމަށެވެ.

އަފްޣާނިސްތާނާ ޕާކިސްތާނު ހިއްސާކުރާ ސަރަހައްދީ އިން ކައިރީގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުން ފޯރިމަރަނީ/ފޮޓޯ: ރޮއިޓާޒް

މީސްތަކުންގެ މައްޗަށް "މަޖުބޫރު ކުރި" ހަނގުރާމާގައި އިތުރު ބަޔަކު މަރުވެ ދިއުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ، އަޝްރަފު ޣަނީ ވަނީ، "ހިތްވަރުގަދަ" ސަލާމަތީ ބާރުތަކަށް ތައުރީފު ކުރައްވާފައެވެ.

ތޯލިބާނުންގެ ނުފޫޒު ގަދަ ކޮށް، އަފްގާނިސްތާނުގައި ހަނގުރާމަ ގަދަ ކުރަން ފެށީ، 20 އަހަރު ދުވަސްވަންދެން އެ ގައުމުގައި ހިންގި އަސްކަރީ އޮޕަރޭޝަންތައް ނިންމާލުމަށްފަހު، އެމެރިކާއާއި ބައިނަލްއަގުވާމީ އަސްކަރީ ފައުޖުތަކުން އަފްގާނިސްތާނު ދޫކޮށް، ފައިބަން ފަށާފައި ވާ ދަނޑުވަޅެއްގައެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ބޭލުމަކީ، އެ ނިންމުމަކާ މެދު ހިތާމަ ކުރައްވާ ކަމެއް ނޫން ކަމަށް އެމެރިކާގެ އަދުގެ ރައީސް ޖޯ ބައިޑަން ވިދާޅުވާއިރު، އަފްގާނިސްތާނުގައި ހަނގުރާމަ ފެއްޓެވި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވަނީ، މިއީ ހެދޭ ގޯހެއް ކަމަށް ވިދާޅުވެފައެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބާ ސުންގަޑިއަކީ އޯގަސްޓް 31 ވަނަ ދުވަހެވެ.