މާލެ ސިޓީގެ މަގުތައް ބަންދުކުރުމުގައި ސިޓީ ކައުންސިލްގެ ދައުރެއް އަދާކުރެވިދާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު އެހެން ވިދާޅުވީ ހެންވޭރުގެ މީހުންނަށް ހާއްސަކޮށް ރޭ ބޭއްވި އަވަށު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޑރ. މުއިއްޒު ވިދާޅުވީ ޓްރެފިކްގެ ބޭނުމަށް މަގުތައް ބަންދު ކުރަނީ ޓްރެފިކް ޕޮލިހުން ކަމަށާއި އެހެން ނަމަވެސް ކޮންސްޓްރަކްޝަން މަސައްކަތަށާ މަސައްކަތްތަކަށް ބަންދުކުރަނީ ސިޓީ ކައުންސިލުން ކަމަށެވެ.
އެހެން ނަމަވެސް މަގުތައް ބަންދުކުރަން ސިޓީ ކައުންސިލާ ޓްރެފިކް ޕޮލިހުންނާ ގުޅިގެން ކުރެވޭނެ ކަންކަން އޮންނާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން ޓްރެފިކާ ގުޅިގެން ބައެއް ފަހަރު ސްކޫލު ގަޑީގަ ވެސް މަގުތައް ބަންދުކޮށްފައިހުންނަ ކަން ފާހަގަކޮށް ޑރ. މުއިއްޒު ވިދާޅުވީ އެކަންކަމަކީ ސިޓީ ކައުންސިލުން ދައުރެއް އަދާކުރެވިދާނެ ކަންތައްތައް ކަމަށެވެ.
ޑރ. މުއިއްޒު އެހެން ވިދާޅުވެފައިވާއިރު އާންމު އަންނަނީ މަގުތައް ޓްރެފިކް ބޮޑުވެ ބަންދުކުރަމުންދާތީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ސްކޫލު ގަޑީގައި މަގުތައް ބަންދުކުރުމުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމަށް އާންމުން އަންނަނީ ބުނަމުންނެވެ.