ގެދޮރުގެ ދަތިކަމާއި ގެދޮރުގެ މައްސަލަތަކަކީ މާލޭގެ ރައްޔިތުން ފާހަގަކުރާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި އެކަމަށް ހާއްސަ ބައްދަލުވުމެއް ކާނިވަލްގައި ބާއްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ރޭ ހެންވޭރުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ، މިހާތަނަށް 5 އަވަށެއްގެ ރައްޔިތުންނާ ބައްދަލު ކުރެވުނު އިރު މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ގެދޮރުގެ ދަތިކަމެވެ. ވަގުތު ކުޑަތަން ވުމާއެކީ ގިނަ ވަގުތު ގިނަ މީހުންނަށް ވާހަކަ ދައްކަން ފުރުސަތު ދެވެން ނެތުމުން އެކަމަށް މައާފަށް އެދިވަޑައިގަންނަވަމުން މުއިއްޒު ވިދާޅުވީ ގެދޮރުގެ ދަތިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާ ހިޔާލު ބަދަލު ކުރުމަށް ހާއްސަ ބައްދަލުވުމެއް ބާއްވަން ނިންމަވާ ކަމަށެވެ.
އެގޮތުން މި ބައްދަލުވުން ބާއްވަނީ އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވަލްގައި ކަަމަށާއި، މާލޭގެ ހުރިހާ ރައްޔިތުން ވެސް މި ބައްދަލުވުމުގައި ބައިވެރިވުމަށް މުއިއްޒު އެދިވަޑައިގަތެވެ.
މާލޭގެ ރައްޔިތުންގެ ހިޔާލުތައް އަޑުއެއްސެވި އިރު އޭގެތެރެއިން ބައެއް ކަންކަމަކީ ސިޓީ ކައުންސިލަށް ހައްލު ހޯދައި ދެވޭނެ ކަންތައްތައް ކަމަށާއި އަނެއްބައި ކަންކަމަކީ އެކަމާ ބެހޭ އިދާރާތަކަށް ނުވަތަ ސަރުކާރަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހައްލު ކޮށްދެވޭނެ ކަންތައްތައް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިހާރުވެސް މާލޭގެ ރައްޔިތުންނަށް ދިމާވާ ގެދޮރުގެ ދަތިކަމުގެ ވާހަކަތަކާ ގުޅިގެން ސަރުކާރުގެ ފަރާތުން ހައްލެއް ލިބޭނެ ކަމަށް އެދި ދަންނަވާފައި ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ކަންކަމަށް ހައްލު ހޯދައިދޭނެ ކަމަށް ސަރުކާރުން ބުނާ ކަމަށާއި ސަރުކާރާ ގުޅިގެން އެކަންކަން ހައްލުކޮށް ދިނުމަށް މަސައްކަތް ކުރުމުގެ އަޒުމެއްގައި ހުންނެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން މުއިއްޒު ވިދާޅުވީ ކެމްޕޭން ދުވަސްވަރު ދޮރުން ދޮރަށް ޒިޔާރަތް ކުރެއްވީ ކެމްޕޭންގެ މަގްސަދުގައި ވޯޓު ހޯއްދަވަން ނޫން ކަމަށެވެ. އޭރުވެސް ދޮރުން ދޮރަށް ވަޑައިގަތީ ރައްޔިތުންގެ އަޑުތައް އެއްސެވުމަށް ކަމަށާއި އަންނަ ހޮނިހިރު ދުވަހު ހުޅުމާލެ ރައްޔިތުންނާ އެކު އޮތް ބައްދަލުވުމަށް ފަހު އަނެއްކާ ވެސް ދޮރުން ދޮރަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ވަރަށް ގާތުން ބައްލަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހެންވޭރު ގިނަ ރައްޔިތުންތަކެއް މި ބައްދަލުވުމުގައި ވާހަކަ ދެއްކި އިރު ވަނީ މާލޭގެ ބިމުގެ ދަތިކަމާއި މާލޭ މީހުންނަށް ގޯތި ލިބުމުގައި ހުރި ދަތިތައް ހިއްސާކޮށްފައެވެ. ހަމައެއާއެކު ބައިބޯވެފައިވާ މާލޭގައި ޕާކް ކުރުމުގެ ދަތިކަމާއި ހިންގާ ބިންގާވެ އުޅުމުގައި ދަތިތައް ހުރިކަން ވެސް ވަނީ ފާހަގަކޮށްފައެވެ. ގެދޮރުގެ ދަތިކަން ފާހަގަ ކުރި ފަރާތްތަކުން ފްލެޓް ހޯދަން ފޯމް ހުށަހަޅާއިރު ޕޮއިންޓް ދޭ އުސޫލު ސަރުކާރުން ތައްޔާރުކޮށްފައިވާ ގޮތުން ދިރިއުޅޭ ތަން ދައްކަން ޖެހެއެވެ. ބިންކޮޅު ކުޑަވެގެން ކުއްޔަށް އުޅޭ ބަޔަކު ނަމަ ދައްކާނީ ކުއްޔަށް އުޅޭ ތަނެވެ. އެހެންކަމުން ކުއްޔަށް އުޅޭ ތަން ދައްކައިގެން ލިބޭ ޕޮއިންޓް މަދުވާ ކަމަށް ބައެއް އާންމުން ޝަކުވާ ކުރިއެވެ. އަދި އެފަދައިން ޕޮއިންޓް ދޭ ނަމަ ދުވަހަކު ވެސް ފްލެޓް ނުލިބޭނެ ކަމަށް ވެސް ޝަކުވާ ކުރި ފަރާތުން ބުނެފައި ވެއެވެ.