ޗެޓް ރޫމްތަައް ހަދައިގެން އޯޑިއޯ މެދުވެރިކޮށް މަޝްވަރާތައް ކުރިއަށް ގެންދެވޭ ސޯޝަލް މީޑިއާ އެޕް ކްލަބް ހައުސްގައި ކޮންމެވެސް މީހަކު އެމަނިކުފާނުގެ ނަމުގައި ވަރަށް ފިތުނަ އުފައްދަމުން ގެންދާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ނަޝީދު މިއަދު ވިދާޅުވީ، ކްލަބް ހައުސްގައިި އެމަނިކުފާނު ބޭނުން ކުރައްވާ ހަމައެކަނި އެކައުންޓަކީ mohamednasheed ގެ ނަމުގައި ހަދާފައި އޮންނަ އެކައުންޓެއް ކަމަށެވެ. އަދި ކްލަބް ހައުސްގައި އެމަނިކުފާނުގެ ނަމުގައި އެކައުންޓެއް ހަދާފައިވަނީ ކާކުން އެނގިވަޑައިނުގަންނަވާ ކަމަށާ ކްލަބް ހައުސްއިން މިކަން ސާފުކޮށް ދިނުން އެދިވަޑައިގަންނަވާ ކަމަށެވެ.

ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތަކުގައި އެކްޓިވް، ނަޝީދުގެ ހިޔަނި ޓުވިޓާ އެކައުންޓް "އެލެކްސް އަހްމަދު" ގެ އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައި ވެސް ބުނެފައިވަނީ ނަޝީދުގެ ނަމުގައި ކްލަބް ހައުސްގެ ކޮންމެވެސް މީހަކު ފިތުނަ އުފައްދަމުންދާ ކަމަށާ އެލެކްސް އަހްމަދު ނަމުގައި ކްލަބް ހައުސްގައި އެކައުންޓެއް ނޯންނާނެ ކަމަށެވެ.

އެ ޓުވީޓުގައި އިތުރަށް ބުނެފައިވަނީ އެލްކްސް އަހްމަދާއި އަނެއް ދިވެހިރާއްޖެއަކީ ނަޝީދުގެ ޓުވިޓާ އަދި ފޭސްބުކް އެކައުންޓްތައް ކަމަށާ ކްލަބްހައުސްގައި އުޅެނީ ކާކުކަން ނޭނގޭ ކަމަށެވެ.

ދާދި ފަހުން ނިކުތް ކްލަބް ހައުސްއަކީ މިހާރު ދިވެހިންގެ ތެރޭގައި މަޤްބޫލު އެޕަކަށް ވެފައިވާ އިރު ގިނަ ފަރާތްތަކުން ދަނީ ކްލަބް ހައުސް މެދުވެރިކޮށް އެކި އެކި މައުލޫތަކުގެ މަޝްވަރާތައް ބާއްވަމުންނެވެ. ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ އިތުރުން އަމިއްލަ ފަރުދުން ވެސް ދަނީ މިއެޕްގެ ބޭނުން ހިފަމުންނެވެ.