ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އިތުރުވެ، ޗައިނާގެ އެންމެ ބޮޑެތި ކާގޯ ޕޯޓްތަކުގެ ތެރޭގައި ހިމެނޭ ޕޯޓެއްގެ އޮޕަރޭޝަންތައް ކޮންމެވެސް ވަރަކަށް މަޑުޖައްސާލުމާއެކު، ބައިނަލްއަގުވާމީ ވިޔަފާރިއަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާފާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ނިންގްބޯ-ޖޯޝާން ޕޯޓްގައި މަސައްކަތް ކުރާ މީހަކު، ކޮވިޑް-19ގެ ޑެލްޓާ ވޭރިއަންޓަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ ޕޯޓްގެ ޓާމިނަލެއްގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

ޗައިނާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ނިންގްބޯ-ޖޯޝާން ޕޯޓަކީ، ދުނިޔޭގެ ނިސްބަތުން ބަލާއިރު 3 ވަނައަށް އެންމެ ކާރޫބާރު ބޮޑު ކާގޯ ބަނދަރެވެ. ލިސްޓުގެ ކުރީގައި އުޅެނީ ޝަންހާއީއާއި ސިންގަޕޫރެވެ.

ވަކި އެއްޗެއް އަންގަންދެން ޓާމިނަލްގެ އޮޕަރޭޝަންތައް މެދުކަނޑާލާފައި ވާއިރު، އެ ޕޯޓުގެ ކޮންޓޭނަރު ކާގޯ ކެޕޭސިޓީގެ 4 ބައިކުޅަ 1 ބަޔަށް އަސަރު ކުރާނެ ކަމަށް ބެލެވެއެވެ.

މި ދަނޑިވަޅަކީ ޝިޕިންގްގެ އަގުތައް އުފުލުމުގެ ތަކުލީފުތައް، ދުނިޔޭގެ ބޮޑެތި ބާޒާރުތަކުންވެސް އުފުލަމުން އަންނަ ދަނޑިވަޅެކެވެ. ކޮވިޑް-19ގެ ސަބަބުން ބަނދަރުތަކުގެ އޮޕަރޭޝަންތަކަށް އަންނަ ބަދަލުތަކުގެ އަސަރު، އެތައް މަހަކަށް ދެމިގެން ދާނެ ކަމަށް ބެލެވެއެވެ.

ނިންގްބޯ-ޖޯޝާން ޕޯޓް ބަންދު ކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބާއްވަން ޖެހިއްޖެނަމަ، މުޅި ދުނިޔޭގެ އިގުތިސޯދަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާނެއެވެ. ޕޯޓް އޮންނަ ސަރަހައްދުން ޗައިނާގެ ވެރިރަށް ބެއިޖީންގްއަށް ކުރާ އަދި ބެއިޖީންގްއިން އެ ސަރަހައްދަށް ވައިގެ މަގުން ކުރާ ދަތުރުތައް ވަނީ ހުއްޓާލާފައެވެ.