ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން ދާ ވެކްސިން ކެމްޕޭންތަކުގެ ތެރެއިން، ޖަރުމަނުވިލާތުގައި ކޮވިޑް ވެކްސިން ޖެހި 8000 އަށް ވުރެ ގިނަ މީހުން، އަލުން ވެކްސިން ޖެހުމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އަންގައިފިއެވެ.

ޖަރުމަނުވިލާތުގެ އުތުރުގެ ސަރަހައްދުތަކުން ވެކްސިން ޖެހި 8000 އަށް ވުރެ ގިނަ މީހުން، އަލުން ކޮވިޑް ވެކްސިން ފުރިހަމަ ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އަންގާފައި ވަނީ، ކޮވިޑް ވެކްސިންގެ ބަދަލުގައި، މީހުންގެ ހަށިގަނޑަށް ސެލައިން ވޯޓާ ނުވަތަ އާންމު ނަމުން ނަމަ ލޮނުފެން ސިރިންޖު ޖެހި މައްސަލައެއް ފެންމަތިވެގެންނެވެ.

ކޮވިޑް ވެކްސިންގެ ބަދަލުގައި އާންމުންގެ ގަޔަށް ލޮނުފެން ސިރިންޖު ޖެހި ކަމުގެ ތުހުމަތު އަމާޒު ވަނީ އެ ނޯތި ސޯ ކޯސްޓާއި ދާދި ކައިރީގައި އޮންނަ ފްރީސްލޭންޑްގެ ވެކްސިން ސެންޓަރެއްގައި މަސައްކަތް ކުރި ނަރުހަކަށެވެ.

މި ކަމުގެ ޝިކާރައަކަށް ވީ މީހުންގެ ތެރޭގައި ގިނައީ، ކޮވިޑްގެ ހައިރިސްކު ގިންތިއެއް ކަމުގައި ބަލާ، އުމުރުން 70 އަހަރުން މަތީގެ މީހުން ކަމަށް ހަބަރު ލިބެއެވެ.

ފުރަތަމަ ބެލި ބެލުމުން، މާޗް މަހާއި އޭޕްރިލް މަހު ލޮނުފެން ސިރިންޖުގެ ޝިކާރައަކަށް ވީ އެންމެ 6 މީހުން ކަމުގައި ގަބޫލު ކުރެވުނެވެ. ނަރުސް މީހާ ވަނީ އެކަމަށް އިއުތިރާފްވެއެވެ. އޭނާ އެގޮތަށް އެކަން ކުރީ، ވެކްސިން ޑޯޒްތައް ރައްކާ ކޮށްފައި ހުންނަ ވައެލްއެއް، އޭނާ އަތުން ބިންމައްޗަށް ވެއްޓި ހަލާކުވުމުން ކަމަށްވެސް ބުނެފައި ވެއެވެ.

ނަމަވެސް ފުލުހުންގެ ހޯދުންތަކުން، އިތުރު ބަޔަކަށް، ފައިޒާ/ބައޮއެންޓެކްގެ ކޮވިޑް ވެކްސިންގެ ބަދަލުގައި ސެލައިން ވޯޓާ ޖެހިކަން ސާފުވިއެވެ. މިކަމުގައި ސިޔާސީ މަގުސަދެއް ނެތް ކަމަކަށް ފުލުހުން އަދި ނުނިންމައެވެ. ނަމަވެސް ނަރުހުގެ ވަކީލުން ދަނީ ފުލުހުންގެ ތުހުމަތަށް އިންކާރު ކުރަމުންނެވެ. އަދި އެހާ ގިނަ އަދަދެއްގެ ބަޔަކަށް ސެލައިން ވޯޓާ އިންޖެކްޝަން ޖަހާފައި ވާނެ ކަމަށްވެސް ވަކީލުން އިންކާރު ކުރެއެވެ.