ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ޝިކާރައަކަށް ވެ، އަވަށްޓެރި ސްރީލަންކާއިން މި މަހުގެ 11 ވަނަ ދުވަހު، 156 މީހަކު މަރުވެފައި ވާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން ލަންކާއިން އެއް ދުވަހަކާ އެންމެ ގިނަ އަދަދަކަށް ކޮވިޑް މަރުގެ ކޭސްތައް ރެކޯޑް ކުރި ދުވަސް ކަމަށް މައުލޫމާތު ލިބެއެވެ. ބުދަ ދުވަހުގެ ތަފާސް ހިސާބުތަކާއެކު، ލަންކާއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 5620 އަށް އަރާފައެވެ.

ބުދަ ދުވަހު މަރުވި މީހުންގެ ތަފްސީލުތަކަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ 87 ފިރިހެނުންނާއި 69 އަންހެނުންނެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ދޮށީ އުމުގެ މީހުން ކަމަށް ހަބަރު ލިބެއެވެ. އެގޮތުން 121 މީހަކީ، އުމުރުން 60 އަހަރާއި 60 އަހަރުން މަތީގެ މީހުންނެވެ.

ފާއިތުވީ 7 ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގައި ލަންކާއިން ކޮވިޑްގެ 22300 ކޭހެއް ވަނީ ފެނިފައެވެ. އޭގެ ކުރީ 7 ދުވަހުގެ ތެރޭގައި ރިޕޯޓް ކޮށްފައި ވަނީ 18616 ކޭސް ކަމަށް ވާއިރު، ހަފުތާއެއްގެ ތެރޭގައި ކޭސް އިތުރުވި ނިސްބަތް ވަނީ 20 ޕަސެންޓަށް އިތުރު ވެފައެވެ.

ފާއިތުވީ 7 ދުވަހުގެ މަރުގެ ކޭސްތަކަށް ބަލާއިރު، ކޮވިޑް ޖެހިގެން 1037 މީހެއްގެ ފުރާނަ ގެއްލުނު ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. ހަފުތާއެއްގެ ތެރޭގައި މަރުގެ ކޭސް ބަދަލު ވީ ގޮތަށް ބަލަށް އިރު، މިއީ 61 ޕަސެންޓްގެ އިތުރުވުމެއް ކަން ފާހަގަ ކުރަން ޖެހެއެވެ.

ލަންކާގެ ސިއްހީ އޮފިޝަލުން ވަނީ އެ ގައުމު ލޮކްޑައުން ކޮށް، ކަރަންޓީނު ކަފިއު ތަންފީޒު ކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި މި ހިނގާ އޯގަސްޓް މަހަކީ ނުރައްކާ މަހެއް ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.