ދުނިޔެއާ ގުޅުން ހުރި އެކި ކަންކަން އޮބްޒާވް ކުރުމަށް ފަރުމާ ކޮށްފައި ވާ ވަރުގަދަ ސެޓެލައިޓެއް ހިފައިގެން އަވަށްޓެރި އިންޑިއާއިން ޖައްވަށް ކުރަން އުޅުނު ދަތުރު ފެއިލްވެއްޖެއެވެ.

އާތު އޮބްޒަވޭޝަން ސެޓެލައިޓެއް ހިފައިގެން އިންޑިއާއިން ބުރާސްފަތި ދުވަހު ކުރަން އުޅުނު ޖައްވީ ދަތުރު ފެއިލްވިކަން، އެ ގައުމުގެ ދައުލަތުން ހިންގާ ޖައްވީ އިދާރާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

އިންޑިއާއިން ޖައްވަށް ފޮނުވާލަން އުޅުނު ސެޓެލައިޓަކީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، ތޫފާންތަކާއި ގަދަ ވިއްސާރަ ފަދަ ގުދުރަތީ ކާރިސާތައް ދެނެގަތުމަށް ފަރުމާ ކޮށްފައި ވާ ސެޓެލައިޓެކެވެ. އިންޑިއާގެ ދެކުނުގައި ގާއިމު ކޮށްފައިވާ ސަތީޝް ދާވަން ސްޕޭސް ސެންޓަރުން، ޖިއޯސިންކްރޮނަސް ސެޓެލައިޓް ލޯންޗް ވިއެކަލް (ޖީއެސްއެލްވީ) އެއްގައި މި ސެޓެލައިޓް ލޯންޗް ކުރީ ޖީއެމްޓީ ގަޑިން މެންދަމު 0013 ގައެވެ.

އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އައިއެސްއާރްއޯ) އިން ބުނީ، ކާމިޔާބު ކަމާއެކު ޖީއެސްއެލްވީ އުދުއްސާލި ނަމަވެސް، އެންމެ ފަހު މަރުހަލާގައި ރޮކެޓް ފެއިލްވި ކަމަށެވެ. މިޝަން ފެއިލްވީ، އުދުއްސާލިތާ އެންމެ 350 ސިކުންތުގެ ތެރޭގައެވެ.

ނަމަވެސް ޖީއެސްއެލްވީއާއި، އީއޯއެސް-އޯ3ގެ ނަންދީފައި ވާ ސެޓެލައިޓަށް ވީ ގޮތުގެ މާ ބޮޑު ތަފްސީލެއް އައިއެސްއާރްއޯއިން ހާމަ ކޮށްފައެއް ނުވެއެވެ.

މި ސެޓެލައިޓް ފޮނުވާލަން ކަނޑައެޅީ، ދުނިޔެ ދެބައި ވާ އީކުއޭޓަރުގެ މަތިން 36000 ކިލޯމީތަރުގެ އުސް މިނަށެވެ. ސައެންސްވެރިން ވަނީ، އިންޑިއާ ހިމެނޭ ސަރަހައްދު ސާފު ކޮށް ފެންނާނެ ފަދަ ބޮޑު ޓެލެސްކޯޕެއްވެސް އެ ސެޓެލައިޓްގައި ހަރުކޮށްފައެވެ.

އެމެރިކާގެ އެސްޓްރޮނޮމާއެއް ކަމަށް ވާ ޖޮނަތަން މެކްޑޮވޭލް ވިދާޅުވީ، ތައިލޭންޑްގެ ހުޅަނގުން އަންޑަމަން ކަނޑަށް، ސެޓެލައިޓާއި ރޮކެޓް ވެއްޓިފައި ވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.