ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ނައިފަރުން 5 މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެއްޗާއިއެކު ނައިފަރުން 5 މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނޯތު ޕޮލިސް ޑިވިޝަން އަދި ސީން އޮފް ކްރައިމް އޮފިސަރުން ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައެވެ.
އެ އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮގަސްޓު މަހުގެ 11 ވަނަ ދުވަހުއެވެ.
ނައިފަރުގައި ހިންގި އެ އޮޕަރޭޝަނުގައި 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ފަސް މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
އެ އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް އެ މީހުން ތިބި ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ފަސް ދަޅާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 68 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.