ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލްތަކުގައި ފަރުވާ ދޭން ޖެހޭ މީހުންނަގެ ހާލަތަށް ލުއި ކަމެއް ލިބޭތޯ ބެލުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 3 ޑްރަގެއް ޓެސްޓު ކުރަމުން ދާ ކަމަށް ހަބަރު ލިބިއްޖެއެވެ.
ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސުސް ވިދާޅުވީ، ކާމިޔާބު ފަރުވާއެއް ހޯދުން ކޮންމެހެން ބޭނުން ޖެހިފައި ވާ ކަމަށެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށާ، ބަލި ދެނެގަތުމުގެ އިތުރުން ކޮވިޑަށް ދޭނެ ބައެއް ފަރުވާތައް ހޯދިފައި ވާ ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ. ކޮވިޑް ޖެހޭ މީހުންނަށް މިހާރު ދެމުން އަންނަ ފަރުވާތަކުގެ ތެރޭގައި އޮކްސިޖަންގެ ފަރުވާ، ޑެކްސަމެތަސޯން އަދި އައިއެލް-6 ބްލޮކާޒް ހިމެނޭއިރު، އެންމެ އާދައިގެ ގޮތަކަށް ބަލި ޖެހޭ މީހާއިން ފެށިގެން އެންމެ ހާލު ގޯސްވާ މީހަށް ދޭނެ ފަރުވާއެއްވެސް ހޯދަން ޖެހިފައި ވާ ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ.
ކޮވިޑްގެ ފަރުވާއަކަށް ފުދޭ ތޯ ބެލުމަށް ޓެސްޓު ކުރަމުންދާ 3 ޑްރަގަކީ، އާޓިސުނޭޓް، އިމާޓިނިބް އަދި އިންފްލިކްސިމާބްއެވެ. މި ޑްރަގްތައް، 600 އަށް ވުރެ ގިނަ ޕޭޝަންޓުންގެ ހަށިގަނޑުގައި ޓެސްޓު ކުރާނެ ކަމަށާ، މި ޓެސްޓުތައް ކުރާނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 52 ގައުމެއްގެ ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ޕޭޝަންޓުންގެ ހަށިގަނޑުގައި ކަމަށް މައުލޫމާތު ލިބެއެވެ.
އާޓިސުނޭޓް އަކީ މެލޭރިއާ ބަލީގައި ސީރިއަސްވާ މީހުންނަށް ފަރުވާ ދޭން ބޭނުން ކުރާ ޑްރަގެކެވެ. އިމާޓިނިބްއަކީ ބައެއް ކަހަލަ ކެންސަރު ބައްޔަށް ބޭނުން ކުރާ ޑްރަގަކަށް ވާ އިރު، އިންފްލިކްސިމާބް އަކީ ދިފާއީ ނިޒާމަށް ޖެހޭ ބަލިތައް ކަމަށް ވާ ރޫމަޓޮއިޑް އާތުރައިޓިސް ފަދަ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުން ކުރާ ޑްރަގެކެވެ.
މި ތަހުލީލުތައް ހިންގުމަށް ކަނޑައަޅާފައިވާ ހޮސްޕިޓަލްތަކަށް، މި ޑްރަގްތައް ހަދިޔާ ކޮށްފައި ވަނީ، މި ޑްރަގްތައް އުފައްދާ ކުންފުނިތަކުން ކަމަށް މައުލޫމާތު ލިބެއެވެ.