މި ހިނގާ އޯގަސްޓް މަހަކީ ނުރައްކާ މަހެއް ކަމަށާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށް ވެ، އެ ބަލީގައި މަރުވި މީހުންގެ ނިސްބަތް، 48 ޕަސެންޓް މައްޗަށް ޖެހިފައި ވާ ކަމަށް، ސްރީލަންކާގެ ސްޓޭޓް މިނިސްޓާ އޮފް ޕްރައިމަތީ ހެލްތު ކެއާ، އެޕިޑެމިކްސް އެންޑް ކޮވިޑް ޑިޒީޒް ކޮންޓްރޯލް، ޑރ ސޫރްދާޝަނީ ފެނާންޑޯޕޫލޭ ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރު ފެނާންޑޯޕޫލޭ ވަނީ، ލަންކާއިން ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތްވެސް 30 ޕަސެންޓް އިތުރު ވެފައި ވާ ކަމަށް ވިދާޅުވެފައެވެ.

ލަންކާގައި ކޮވިޑް ކޭސްތައް އިތުރު ވަމުން އަންނަ އިރު، ޑރ ފެނާންޑޯޕޫލޭ ވަނީ، ޒަރޫރީ ބޭނުމެއްގައި ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ އެއްވެސް މީހަކު ގެއިން ބޭރަށް ނިކުމެ ނުއުޅުމަށް އިލްތިމާސް ކުރައްވާފައެވެ. ގައުމު އޮތް ފައްތަރުން، ނުރައްކާ އޮތް މިންވަރު، ކޮންމެ މީހަކަށްވެސް ވިސްނެން ޖެހޭނެ ކަމަށް ސްޓޭޓް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ހިނގާ އޯގަސްޓް މަހަކީ ލަންކާއަށް ނުރައްކާ މަހެއްކަމަށް ވިދާޅުވެ، ޑރ ފެނާންޑޯޕޫލޭ ވަނީ، ކޮވިޑް ހުއްޓުވުމަށް މިވަގުތު އޮތް ހަމައެކަނި ހައްލަކީ، ބަލި ފެތުރުން ހުއްޓުވުން ކަމަށް ވިދާޅުވެފައެވެ. ސަރުކާރުން ތެދުވެ، ގަވައިދުތަކެއް ހަރުކަށި ކުރުމުގެ ކުރިން، އަމިއްލައަށްވެސް ޒިންމާދާރު ވުމަށް، ސްޓޭޓް މިނިސްޓަރު ވަނީ އާންމު ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ސްރީލަންކާގެ ސިއްހީ ދާއިރާއިން ވަނީ، އެންމެ މަދުވެގެން 4 ހަފުތާގެ މުއްދަތަށް ގައުމު ލޮކްޑައުން ކޮށް، ކަރަންޓީނު ކާފިއުގެ އަމުރު ތަންފީޒު ކުރުމަށް، ސްރީލަންކާގެ ސަރުކާރަށް ގޮވާލާފައެވެ. ނަމަވެސް ލަންކާ ސަރުކާރުން އެފަދަ ފިޔަވަޅެއް އަޅާފާނެ ކަމުގެ ނިޝާނެއް އަދި ނުފެނެއެވެ.