ބައިނަލްއަގުވާމީ މީޑިއާއާ ވާހަކަދެއްކި ތޯލިބާން ހަނގުރާމަވެރިން ތިބީ އަފްގާނިސްތާނުގެ އެންމެ ބޮޑެތި ސިޓީތަކުގެ ތެރޭގައި ގުނާލެވޭ މަޒާރިއްޝަރީފާ ގާތްގަނޑަކަށް 30 މިނެޓެއްހާއިރު ދުރުގައި އޮތް ސަރަހައްދެއްގައެވެ.

އެމީހުން ދިޔައީ، ފަހުރާއެކު، ހަނގުރާމައިގެ ޣަނީމާ ދައްކަމުންނެވެ. އެއްގަމު އުޅަނދުފަހަރުގެ އިތުރުން ވަރުގަދަ މެޝިން ބަޑިވެސް ހުއްޓެވެ. އައިނުއްދީންއަކީ އަފްގާނިސްތާނުގެ މަދްރަސާއަކުން ކިއެވުމަށް ފަހު، ތޯލިބާނުންގެ ފައުޖެއްގެ ކޮމާންޑަރު ކަން ކުރަމުން އަންނަ މީހެކެވެ. އޭނާ ހުއްޓިގެން ހުރި ބަރު ހަތިޔާރުގެ ތަނަވަސްކަން ލިބިފައި ވާ ފައުޖެއްގެ މެދުގައެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގަމުން އަންނަ ތޯލިބާން ޖަމާއަތުގެ ހަނގުރާމަވެރިން / ފޮޓޯ: ބީބީސީ

ބައިނަލްއަގުވާމީ މުޖުތަމައު ބަލައިގެންފައިވާ އަފްގާނިސްތާނުގެ މައި ސަރުކާރުގެ ސަލާމަތީ ބާރުތަކާއި ތޯލިބާނުންނާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތައް ވަރުގަދަ ކުރިތާ މަހެއްހާ ދުވަސް ވެފައި ވާއިރު، އާންމުންގެ 1000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިއްޖެއެވެ. ކުޑަކުދިންނަށް ކުރާ އަނިޔާ އިންތިހާއެވެ.

ތޯލިބާނުންގެ ހަމަލާތަކުގެ ސަބަބުން އާންމުންނަށް ލިބެމުންދާ ގެއްލުންތަކަށް ދައްކަން އޮތް ހުއްޖަތަކީ ކޮބައިތޯ ބައިނަލްއަގުވާމީ މީޑިއާއިން ސުވާލުކުރުމުން އައިނުއްދީންގެ ޖަވާބު ވަރަށް ސަރީހައެވެ. އިންތިހާއަށް ހަމަޖެހިލައިގެން ހުރެ އައިނުއްދީޏް ބުނިހާވެސް އެއްޗަކީ، ކުރިއަށް ދަނީ ތަޅާފޮޅުމެއް ކަމަށާ، އެހެން ވީމާ މީހުން މަރުވާނެ ކަމަށެވެ. އަދި އާންމުންނަށް ގެއްލުން ނުދީ ވޭތޯ ބަލާ ކަމަށެވެ.

އަފްގާނިސްތާނުގައި ގަދަވެފައި ވާ ހަނގުރާމަ ފެށި ބަޔަކީ ތޯލިބާނުން ކަމުގައި ގަބޫލު ކުރަން އެ ޖަމާއަތުން އިންކާރު ކުރެއެވެ. އައިނުއްދީޏް ބުނާ ގޮތުގައި އަފްގާނިސްތާނުގައި ތޯލިބާނުންގެ ސަރުކާރެއް އޮތެވެ. ނަމަވެސް އެ ސަރުކާރު ވައްޓާލީއެވެ. އަދި އަފްގާނިސްތާނުގައި ހަނގުރާމަ ފެށި ބަޔަކީ އެމެރިކާ ކަމަށް އައިނުއްދީން ބުނެއެވެ.

އެމެރިކާ ސިފައިން 2001 ވަނަ އަހަރު އަފްގާނިސްތާނަށް އަރާ، ތޯލިބާނުންގެ ސަރުކާރު ވައްޓާލި ނަމަވެސް، މިއަދު އެ ގައުމުގެ ކޮންޓްރޯލް ނަގަމުން ދަނީ އެ ޖަމާއަތުންނެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ފައުޖެއް / ފޮޓޯ: ގެޓީ އިމޭޖަޒް

ބައިނަލްއަގުވާމީ މީޑިއާ ދެން ދަތުރު ކުރީ ބަލްހްއަށެވެ. މި ސަރަހައްދަކީ، ތޯލިބާނުން ކޮންޓްރޯލް ނަގާފައިވާ 200 އެއްހާ ޑިސްޓްރިކްޓްގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ. ހާޖީ ހިކުމަތަކީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ތޯލިބާނުންގެ ލީޑަރެކެވެ. އޭނާވަނީ، ބަލްހް ސަރަހައްދުގައި އާންމު ދިރިއުޅުމުގެ ހާލަތު އޮތް ގޮތް، މީޑީއާއަށް ދައްކާލާފައެވެ.

ފެންނަ ފެނުމަށް ބާޒާރުތައް ވަނީ ތޮއްޖެހިފައެވެ. ފިރިހެނުންގެ އިތުރުން އަންހެނުންވެސް ވިޔަފާރި ކުރަން ނިކުމެ އުޅެއެވެ. މަހްރަމަކާ ނުލާ ބޭރަށް ނިކުތުމަކީ ތޯލިބާނުން ގަބޫލު ކުރާ ކަމަކަށް ނުވި ނަމަވެސް، ބަލްހްއިން އެ މަންޒަރު ނުފެންނަ ކަމަށް ހަބަރު ލިބެއެވެ. އެހެނެއް ކަމަކު، އަންހެނުން މުޅިންވެސް ފެންނަނީ ނިގާބުގައެވެ.

ތޯލިބާނުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައި ވާ އަފްގާނިސްތާނުގެ ބަލްހް ސަރަހައްދުގެ ބާޒާރެއް / ފޮޓޯ: ބީބީސީ

ހާޖީ ހިކުމަތު ބުނާ ގޮތުގައި އެއްވެސް މީހަކަށް އެއްވެސް ކަމެއް މަޖުބޫރެއް ނޫނެވެ. ތޯލިބާނުން ކުރާހާވެސް ކަމަކީ އެކަމަށް "ނަސޭހަތް" ދިނުމެވެ.

ކަންމިހެން އޮތް ނަމަވެސް، ނިގާބުގައި މުޅި ހަށިގަނޑު ނިވާ ނުކޮށް ތިބޭ އަންހެނުން ތަންތަނަށް އުފުލާ ދީ ހެދުން އޮންނަނީ މަނާ ކޮށްފައެވެ. ހެދުން އަޅާ ގޮތުން ކަމަށް ބުނެ އަންހެނަކު މަރާލި ހަބަރެއްވެސް ފެންމަތިވިއެވެ. ނަމަވެސް އެ ކަމުގައި ތޯލިބާނުންގެ އަތެއް ވާ ކަމަށް ދެކެވޭ ވާހަކަތަކަށް ހިކުތުމަތު އިންކާރު ކުރެއެވެ.

ހަރުކަށި ފިކުރުގައި ހައްދު ފަހަނައަޅާފައި ވާ ވެރިކަމެއް ކުރި ތޯލިބާނުން ދަނީ، އެއާ ހިލާފު ތަސްވީރެއް ބައިނަލްއަގުވާމީ މުޖުތަމައަށް ދެއްކުމަށް ގަދަ އަޅާ މަސައްކަތް ކުރަމުންނެވެ. އެއްވެސް ކަމެއްގައި މަޖުބޫރު ކަމެއް ނޯންނާނެ ކަމަށް ބުނެއެވެ. އަދި ހަރުކަށި އަދަބުތަކެއް ނުދޭ ކަމަށް ބުނެއެވެ. ނަމަވެސް، އެކަން ގަބޫލު ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައު އަދިވެސް އޮތީ ސުވާލު މާކު ޖެހިފައެވެ.