ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބެހޭ ގޮތުން، ތ. ވިލިފުށީ ދާއިރާގެ މެންބަރު އަދި މެއި 6 ކޮމެޓީގެ މުގައްރިރު ހަސަން އަފީފު ދެއްކެވި ވާހަކަތައް ބަލާ ފިޔަވަޅު އަޅަން އެންގެވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހަކީ އަދާލަތު ޕާޓީގެ މެންބަރެއް ކަމަށް އަފީފު ވިދާޅުވުމާ ގުޅިގެން އެކަން ބަލަން ރައީސް އެންގެވީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށެވެ.

ރައީސް ވިދާޅުވީ، ރައީސް އަކީ އެމްޑީޕީގެ އެމްނެ އިސް ލާޑަރު ކަމަށާއި، އެމްޑީޕީ ނޫން ޕާޓީއެއްގެ މެންބަރެއްވެސް ނޫން ކަމަށާއި، އަފީފު ފަދަ ސީނިއާ ބޭފުޅަކު އެފަދަ ވާހަކަ އެއް ދެއްކެވުމަކީ ޕާޓީގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

އެހެންވުމާއެކު އެ މައްސަލަ ބަލަން އެންގެވީ ކަމަށާއި، އަފީފު އާ ދޭތެރޭ ނުވަތަ އަފީފު ދެއްކެވި ވާހަކައާ ދޭތެރޭ "މާ ބޮޑަށް ވިސްނަވަނީ ނޫން" ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް މެއި 6، 2021 ގައި ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށް ދާ ގޮތް ބަލަން އެމްޑީޕީން އުފައްދާފައި އޮތް މެއި 6 ކޮމެޓީގެ މުގައްރިރު ކަން ކުރައްވާ އަފީފު އެހެން ވިދާޅުވުމާ ގުޅިގެން އެ ޕާޓީގެ މަޖިލީހުގެ ގިނަ މެންބަރުން ވަނީ އަފީފަށް ފާޑު ވިދާޅުވެފައެވެ. މެންބަރުންގެ ފާޑިކިޔުންތަކާއެކު އަފީފު ވަނީ އޭނާގެ ރާގު ބަދަލުކޮށް ރޭ ސަންގު ޓީވީގައި އެވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ "އެއީ ދެން އެހެން ބުނީ ކަމަށް" ވިދާޅުވެ ސަމާސާއެއް ކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވާފައެވެ.

އަފީފަކީ، އެމްޑީޕީގެ ސީނިއާ މެންބަރުންގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މަދު މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.