އަލްޖަޒާއިރުގެ ޖަންގަލިތަކާއި އަވަށްތަކުގައި ރޯވަމުންދާ ގަދަ އަލިފާންގަނޑުތަކުގައި މަރުވި މީހުންގެ އަދަދު 42 އަށް އަރާފައި ވާ ކަމަށާ، އޭގެ ތެރޭގައި، އާންމު ރައްޔިތުން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ދުނިޔެ ދޫކުރި 25 ސިފައިންވެސް ހިމެނޭ ކަމަށް، އެ ގައުމުގެ ރައީސް ޢަބްދުލްމުދްޖަދު ތަބައޫން ވިދާޅުވެއްޖެއެވެ.

ރައީސް ތަބައޫން ވަނީ، އަލިފާންގަނޑުން 100 މީހުން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި މި ދުނިޔެ ދޫކުރި ސިފައިންނަކީ ޝަހީދުން ކަމުގައި ސިފަކުރައްވާ، ޓްވީޓެއްވެސް ކުރައްވާފައެވެ.

އަލްޖަޒާއިރުގެ ދިފާއީ ވުޒާރާއިން ހަބަރު ދޭ ގޮތުގައި، ގަދަ އަލިފާންގަނޑުގައި، އަސްކަރިއްޔާގެ 11 މެންބަރަކު ވަނީ ފިހިފައެވެ.

އަލްޖަޒާއިރުގައި ގަދަ އަލިފާންގަނޑުތައް ފެތުރެމުން ދާ ސަރަހައްދަކީ، އެ އަވަށްތަކަކަށް ވަދެ ނިކުމެވާން ދަތި އަވަށްތަކެއް ހުންނަ ސަރަހައްދެކެވެ. އެ ސަރަހައްދުގެ ފިނިހޫނުމިން އާދަޔާ ހިލާފަށް ގަދަ ވަމުން ދާއިރު، ފެން ލިބިމުގެ ދަތިކަންވެސް ކުރިމަތިވެފައި ވާ ސަރަހައްދެކެވެ.

އަލިފާންގަނޑުން ސަލާމަތް ވުމަށް، އަވަށްތަކުގެ ބައެއް މީހުން ގެތަށް ދޫކޮށް ދިޔަ ނަމަވެސް، އަނެއް ބަޔަކު ދަނީ އަތު ޖެހުނު ވަސީލަތެއް ބޭނުން ކޮށްގެން އަލިފާންގަނޑޫ ކޮންޓްރޯލް ކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ. ވައިގެ މަގުން ފެންޖަހާ މަތިންދާ ބޯޓުގެ ވަސީލަތެއްވެސް އެ ސަރަހައްދުގައި ނޯންނަކަމަށް ހަބަރު ލިބެއެވެ.

އަލްޖަޒާއިރުގައި ރޯވަމުންދާ އަލިފާންގަނޑުތަކަކީ އެއް ހަމައެއްގައި ރޯވަމުންދާ އަލިފާންގަނޑުތަކެއް ކަމަށާ، މިކަމުގެ ފަހަތުގައި ޖިނާއީ ޖަރީމާއެއް އެކުލެވޭ ކަމަށް، އެ ގައުމުގެ ބޮޑުވަޒީރު އައިމަން ބިން ޢަބްދުއްރަޙްމާން ވަނީ ތުހުމަތު ކުރައްވާފައެވެ.