ދުނިޔޭގައި އޮޕަރޭޓް ކުރާ އެންމެ ބޮޑު ސްމާޓްފޯނު ކުންފުނީގެ މަގާމު، ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ކަށަވަރު ކުރަން އަމާޒު ހިފާފައި ވާ ކަމަށް، ޗައިނާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ޝައޮމީއިން ބުނެފިއެވެ.

ޝައޮމީގެ އަމާޒު ހާމަ ކޮށްފައި މިވަނީ، އެމެރިކާގެ އެޕަލް ކުންފުނި ވައްޓާލުމަށް ފަހު، ދުނިޔޭގެ 2 ނަމްބަރު ސްމާޓްފޯނުގެ ލަގަބު، ޝައޮމީއިން ކަށަވަރު ކުރިތާ މާ ގިނަ ދުވަހެއް ނުވެއެވެ. ދުނިޔޭގެ 1 ނަމްބަރު ސްމާޓްފޯނުގެ ލަގަބު އޮންނަނީ ދެކުނު ކޮރެއާގެ ސަމްސަންގެ އިލެކްޓްރޯނިކްސްގެ އަތުގައެވެ.

ޖޫން މަހާއި އޭޕްރިލް މަހާ ދެމެދު ފާއިތުވި މިއަހަރުގެ 2 ވަނަ 3 މަސް ދުވަހަށް ބަލާއިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުން ކުރާ ސްމާޓްފޯން ޑިވައިސްތަކުގެ 17 ޕަސެންޓް ހިއްސާ ކޮށްފައި ވަނީ ޝައޮމީއިންނެވެ. އެޕަލް އިން ހިއްސާ ކުރީ 14.1 ޕަސެންޓްއެވެ. ސަމްސަންގް އިން 18.8 ޕަސެންޓް ހިއްސާ ކުރި ނަމަވެސް، މިއި ވެއްޓުމެކެވެ.

ޗައިނާގެ ގިނަ ބްރޭންޑްތަކެކޭ އެއް ފަދައިން، ޝައޮމީއަކީވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި، އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރާ ބްރޭންޑެއްގެ ސިއްކަ ޖަހާފައި ވާ ބްރޭންޑެކެވެ.

ޝައޮމީ އަކީ ޗައިނާގެ އަސްކަރިއްޔާއާ ގުޅުން އޮންނަ ބްރޭންޑެއް ކަމަށް ބުނެ، އެމެރިކާގެ ދިފާއީ ވުޒާރާއިން ވަނީ މި ބްރޭންޑް ބްލެކްލިސްޓްވެސް ކޮށްފައެވެ. ނަމަވެސް މިދިޔަ މެއި މަހު، އެމެރިކާގެ ފެޑެރަލް ޖަޖެއް ވަނީ، މި ނިންމުމަށް ހުރަސް އަޅުއްވާފައެވެ.