ހދ.ކުޅުދުއްފުށި، ހއ. ދިއްދޫ އަދި ރ. އުނގޫފާރުގެ މޮނިޓަރިން ހާލަތު އުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކުޅުދުއްފުށި، ދިއްދޫ އަދި އުނގޫފާރުގެ މޮނިޓަރިން ހާލަތު އުވާލާފައި ވަނީ އެ ރަށްރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތައް ނެގަޓިވް ވުމާ ގުޅިގެން ކަމަށެވެ.

މި ތިން ރަށުގެ ތެރެއިން މޮނިޓަރިންގައި އޮންނަތާ އެންމެ ގިނަ ދުވަސްވީ ކުޅުދުއްފުއްޓެވެ. މިދިޔަ ޖުލައި މަހު 24 ވަނަ ދުވަހު ކުޅުދުއްފުށި މޮނިޓަރިން އަށް ލީއިރު ދިއްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިދިޔަ ޖުލައި މަހު 26 ވަނަ ދުވަހުއެވެ. އަދި އުނގޫފާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.

މި ތިން ރަށް މީގެ ކުރިންވެސް އެކި ފަހަރު މަތިން ވަނީ މޮނިޓަރިނަށްލާފައެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ 11 ރަށެކެވެ. އެއީ ހއ. ތަކަންދޫ، ށ. ފޯކައިދޫ، ށ. ފީވައް، މ. ކޮޅުފުށި، ރ. ދުވާފަރު، ކ ކާށިދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، އއ. ހިމަންދޫ އަދި ގދ. ނަޑެއްލާ އާއި ތ. ހިރިލަންދޫއެވެ.