އެމްޑަބްލިއުއެސްސީއަށް ސަރުކާރުން ދޫކޮށްފައި އޮތް ބިން ނަގަން އެންގޭނީ އެ ބިން ދޫކުރި ބަޔަކަށް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ ސިޓީ ކައުންސިލުން ހުސްކުރަން އަންގާފައިވާ މަގު (ބިން) އަކީ އެމްޑަބްލިއުއެސްސީގެ އެމްޑީ އަކަށް އިބްރާހިމް ފަޒުލް ރަޝީދު ހުންނެވި އިރު ހައުސިން މިނިސްޓްރީން ހަވާލުކުރި ބިމެއް ކަމަށެވެ. އަދި އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރުގެ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އެ މަގަކީ އެ ކުންފުނިން ވަރަށް މުހިންމު ބޭނުމަކު ބޭނުންކުރަމުން ދާ މަގެއް ކަމަށެވެ. އަދި އެމްޑަބްލިއުއެސްސީ އަކީ ރާއްޖޭގެ އާބާދީއަށް ފެނާ ނަރުދަމާގެ ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދެމުން އަންނަ ކުންފުނި ކަމަށާ މާލޭގައި ވެސް މީހުން އާބާދުވަމުން ދާ ވަރަކަށް އެ ކުންފުނި ހިންގުމަށްޓަކައި ވެސް ބިން ބޭނުންވާނެ ކަމަށެވެ.

އޭރު އެ ބިން ބޭނުންވީ އެމްޑަބްލިއުއެސްސީގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގުމަށްފަހުގަ އެތައްބަޔަކު ފެނުގެ ހިދުމަތުން މަހުރޫމުވެގެން ނުދިއުމަށްޓަކައި ބެކަޕްތަކެއް ހެދުން
އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު

އެ ކުންފުނީގެ ތެލުގެ ރިޒާވުވެސް ހުންނާނީ އެ ބިމުގައި ކަމަށާއި އަދި ފެންތާނގީތައް ވެސް ހުރުމާއެކު އެ ބިމަކީ އެ ކުންފުންޏަށް ވަރަށް މުހިންމު ބިމެއް ކަމަށް ޝާހު ވަނީ ފާހަގަ ކުރައްވާފައެވެ.

އެމްޑަބްލިއުއެސްސީގެ ނަރުދަމާ ނިޒާމް ފަރުމާކޮށްފައި ވަނީ 50،000 މީހުންގެ އާބާދީއަށް ކަމަށާ ނަމަވެސް މިހާރު 3 ލައްކައެއްހާ މީހުން ފެނުގެ ހިދުމަތް ބޭނުންކުރާ އިރު ވަރަށް ބޮޑު އެކްސްޕޭންޝަން އަކަށް މިހާރު ވަނީ ބޭނުންވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ވެސް އެ ކުންފުންޏަށް ބޭނުންވާ ބިން މަދުކަމަށާ އެހެން ނޯޓިސް ދެއްވި ކަމުގައި ވިޔަސް އެ މަގު ދޫކޮށްލަން އުނދަގޫވާނެ ކަމަށް ވެސް ޝާހު ފާހަގަ ކުރެއްވިއެވެ.

ޓުވިޓާ މެދުވެރިކޮށް އެ ނޯޓިސް އައީ. އެ ނޯޓިސްއަކީ ރަސްމީކޮށް އައި ނޯޓިސްއެއް ނޫން. ފާހަގަކޮށްލަން އެ ތަނަކީ ތެޔޮ ރައްކާކުރުމާ ހާއްސަކޮށް މިހާރު ދިމާވާ އެކި ކަންތައްތަކާހެދި ކުންފުނީގެ ވައިޓަލް އިންފްރާންސްޓްރަކްޗާ ހިސާބުގަނޑަށް ވާތީ
އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު

ޝާހު އިތުރަށް ވިދާޅުވީ އެ ސަރަހައްދަކީ އެމްއެންޑީއެފްއާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން އިތުރު ސެކިއުރިޓީއެއް ދީގެން އެތަން ރައްކާތެރިކުރުމަށްޓަކައި ބަލަން ޖެހޭ ސަރަހައްދެއް ކަމަށް ވެފައި އެ ހިސާބުގައި ޕާކު ނުކުރެވޭ ގޮތް ހެދުމަށް ވެސް މަޝްވަރާތަކެއް ކުރެވެމުން ދާ ކަމަށެވެ.

އެމްޑަބްލިއުއެސްސީ އިން ބަންދުކޮށްފައި ވާ މަގަކީ އެ ކުންފުނީގެ ކޮއްޓާއި އާ ސަހަރާ ކޮއްޓާއި ދޭތެރޭ އޮންނަ ނިކަގަސް ހިނގުމާއި ފަޅުމަތީމަގު (ބްލޮކް ނަންބަރު 380 ،377 ،376) އެވެ. މި މަގު ހުސްކޮށް ހުޅުވުމަށް ސިޓީ ކައުންސިލުން ވަނީ 1 މަސްދުވަހުގެ މުއްދަތެއް އެމްޑަބްލިއުއެސްސީ އަށް ދީފައެވެ.

ސިޓީ ކައުންސިލުން ބުނެފައި ވަނީއެ ސަރަހައްދުން އާންމުންނަށް ނުހިނގޭތީ އެކަމުގެ ޝަކުވާ އާންމުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކައުންސިލުން ފާހަގަކުރާ ގޮތުގައި އެގޮތައް ހުންނަ މަގުތައް ބަންދު ކުރުމަކީ ރައްޔިތުންނަށް އެކަމުގެ ތަކްލީފުތައް ނުހަނު ބޮޑަށް ލިބެމުންދާ ކަމެކެވެ.

ސިޓީ ކައުންސިލުން އެ ބިން ހުސްކުރަން އެންގީ، އިންޑަސްޓްރިއަލް ޒޯންގައި އޮތް ސްޓެލްކޯގެ ބިމެއްގައި ޖަހާފައި ހުރި ފެންސް، ސްޓެލްކޯއަށް އެނގުމަކާ ނުލައި ސިޓީ ކައުންސިލުން ނަގާ ބޭނުން ކުރި މައްސަލަ ބޮޑުވެ، އިންޑަސްޓްރިއަލް ޒޯނުގައި ސިޓީ ކައުންސިލްގެ އިހުތިސޯސް ނޯންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނުމާ އެކުއެވެ.