ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންގެ މުސާރަ ބޮޑު ކޮށް ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

2021 އަދި 2022 ގެ ދިޔާސީ އަހަރު ފެށުމުގެ ގޮތުން މިއަދު ހުޅުމާލެ ރެހެންދި ސްކޫލުގައި ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ޓީޗަރުން ހޭދަކުރާ ވަގުތާ އެކަށޭނަ ގޮތުން، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން، ޓީޗަރުން ލިބުން ދަތި ބައެއް މާއްދާތައް ކިޔަވައިދިނުމަށްޓަކައި، އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާ ދިވެހި ޓީޗަރުންނަށް، އެފަދަ މާއްދާތައް ކިޔަވައިދިނުމުގެ ފުރުސަތު ތަނަވަސްކޮށްދީ، އެކަމަށްޓަކައި ލިބެންޖެހޭ ޢިނާޔަތްތައްވެސް ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"ޓީޗަރުންނަކީ، ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމަށްވާ، މީހުން ބިނާކުރުމުގެ އަމަލީ މަސައްކަތް ތަންފީޒު ކުރާ މީހުން. އޭގެ އިތުރުން، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށްޓަކައިވެސް، ތައުލީމީ ދާއިރާގެ ހިދުމަތްތެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް. މުޖުތަމައަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލަ ކަމަށްވާ، ހަރުކަށި ފިކުރު ފެތުރުމާއި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ތައުލީމީ ނިޒާމުގެ ތެރެއިން."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޓީޗަރުންގެ މުހިންމު ކަމުގެ ވާހަކައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކިޔަވައި ދިނުމުގެ އިތުރުން ޓީޗަރުންނަކީ މުޖުތަމައަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލަ ކަމަށްވާ، ހަރުކަށި ފިކުރު ފެތުރުމާއި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި، އެންމެ މުހިންމު ދައުރު އަދާ ކުރާ މީހުން ކަމަށެވެ.

މިއަދު ފެށުނު ދިރާސީ އާ އަހަރުގެ މުނާސަބަތުގައި، ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ އެންމެނަށާއި ދަރިވަރުންނަށް، ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވަމުން ރައީސް ވިދާޅުވީ، މިދިޔަ ދިރާސީ އަހަރުގެ ވަރަށް ގިނަ ދުވަސްތަކެއްގައި، މާލެއާއި އެހެން ބައެއް ރަށްރަށުގައިވެސް، ދަރިވަރުން ތިބެން ޖެހުނީ ސްކޫލަށް ދާނެ ފުރުސަތެއް ނުލިބި، ވަރަށް ބޮޑު ނުތަނަވަސްކަމެއްގައި ކަމަށެވެ. އެހެންކަމުން، ނަމަވެސް މިއަދު މި ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ހުރިހާ ދަރިވަރުންވެސް ދިރާސީ އާ އަހަރުގެ ކިޔެވުން ކުރިއަށް ގެންދަންވީ އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކުގައި ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މި ފެށުނު ދިރާސީ އަހަރަކީ، ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް، ހެޔޮ ބަދަލުތަކެއް އަންނާނެ އަހަރެއް ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.