އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކާ، ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތާ ދެމެދު ބަދަލު ކުރަމުން ދާ ވަރުގަދަ ހަމަލާތަކުގައި، 72 ގަޑިއިރުގެ ތެރޭގައި 27 ކުޑަކުއްޖެއްގެ ފުރާނަ ދުއްވާލާފައި ވާ ކަމަށް އދއިން ބުނެފިއެވެ.

ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) އިން ބުނީ، އަފްގާނިސްތާނުގައި ކުޑަކުދިންނަށް ކުރަމުން ދާ ލާއިންސާނީ އަނިޔާތައް ހަލުވި ދުވެލީގައި އިތުރު ވަމުން އަންނަ އައުމާ މެދު އެ ޖަމިއްޔާއިން ސިހުމެއްގައި ވާ ކަމަށެވެ.

މި ދަނޑިވަޅަކީ އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމުގައި ތޯލިބާނުން ކުރި ހޯދަމުން އަންނަ ދަނޑިވަޅެކެވެ. ހުކުރު ދުވަހުގެ ފަހުން އެކަނިވެސް، ސަރަހައްދީ ވެރި ރަށުގެ 6 ސިޓީއެއް، ތޯލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލި ގޮވާލުމަށްވެސް ތޯލިބާނުން ވަނީ އިންކާރު ކޮށްފައެވެ.

ހަމަލާތައް ވަރުގަދަ ކުރަން ފެށިތާ މަހެއްހާ ދުވަސް ވެފައި ވާއިރު، އާންމުންގެ 1000 އަށް ވުރެ ގިނަ ރައްޔިތުންގެ ފުރާނަ ގެއްލިފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ޔުނިސެފުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ކުޑަކުދިންނަށް ކުރާ އަނިޔާގެ މިންވަރު، ދުވަހުން ދުވަހަށް އިތުރު ވަމުން އަންނަ ކަމަށެވެ.

ކަންދަހާރު، ހޯސްތު އަދި ޕަކްތިއާ ސަރަހައްދުން 27 ކުއްޖެއްގެ ފުރާނަ ގެއްލިފައި ވާއިރު، މި ސަރަހައްދުތަކުން، 3 ދުވަހުގެ ތެރޭގައި 136 ކުއްޖަކު ޒަހަމް ވެފައި ވާކަމަށްވެސް ވަނީ ރެކޯޑް ކޮށްފައެވެ.

ކުޑަކުދިންގެ ފުރާނަ ގެއްލި، ނުވަތަ ޒަހަމް ވަމުން ދަނީ މަގު މަތީގައި ގޮއްވާ ބޮންތަކުގެ އިތުރުން، ބަދަލު ކުރަމުންދާ ހަމަލާތަކުގެ ޝިކާރައަކަށް ވެގެންނެވެ.

ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށް ފަހު، އެމެރިކާގެ ގުޅިފައި ވާ ފައުޖުތައް އަފްގާނިސްތާނަށް އަރާ ހަނގުރާމަ ފެށީ 2001 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އަދި އެ އަހަރުގެ ނޮވެމްބަރު މަހާ ހިސާބަށް އާދެވުނުއިރު ތޯލިބާނުންގެ ބާރު މުޅިން ހެން ކަނޑުވާލައިފިއެވެ. އޭގެ ފަހުން ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުން ދޭ ބައިނަލްއަގުވާމީ ފައުޖުތަކުން އަފްގާނިސްތާނުގައި ހިނގި ހަރަކާތްތައް ނިންމާ، މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އަފްގާނިސްތާނުން ފައިބާއިރު، މި ދަނޑިވަޅުގައި، މިއީ ހެދޭ ގޯހެއް ކަމަށް، އެމެރިކާއާ ހުޅަނގުގެ ކުރީގެ އޮފިޝަލުން ގެންދަވަނީ ވިދާޅުވަމުންނެވެ.