ކުށުގެ ރިކޯޑް ދޫކުރުމުގައި ބަލާ މުއްދަތު 3 އަހަރަށް ކުޑަކޮށްފިއެވެ.

މީގެކުރިން ކުށުގެ ރިކޯޑް ދޫކުުރުމުގައި ބަލާ މުއްދަތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 5 އަހަރެވެ.

ކުށުގެ ރިކޯޑް ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކުގައި ވާގޮތުން އާ ގަވާއިދުގެ ދަށުން ރިކޯޑް ހޯދުމަށް އެދޭ ފަރާތުގެ ރިކޯޑް ބެލުމުގެ މުއްދަތަކީ، ރިކޯޑް ހޯދުމަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން، ފާއިތުވި ތިން އަހަރުދުވަހުގެ މުއްދަތެވެ. އެހެން ނަމަވެސް އެ މުއްދަތަކަށްވުރެ އިތުރު މުއްދަތަކަށް ރިކޯޑް ބަލައިދިނުމަށް ނުވަތަ ހޯދުމަށް އެދިފައިވާނަމަ އެ މުއްދަތަކަށް ރިކޯޑް ބަލައިދިނުމަށް މި ގަވާއިދު ހުރަހެއް ނެތް ކަމަށް ބުނެފައިވެއެވެ.

އެ އުސޫލުގައިވާގޮތުން އާއްމު މިންގަނޑުން ފުލުހުންގެ ހިދުމަތުގައި މީހެއްގެ ރެކޯޑް އޮތް ކަމަށް ބަލާނީ ޖިނާއީ ކުށުގެ މައްސަލައެއްގައި ތުހުމަތު ކުރެވި ތަހުގީގު ހިނގަމުންދިއުމާއި ފުލުހުން ތަހުގީގުކޮށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފައިވާ މައްސަލައެއްގައި ތުހުމަތު ކުރެވިގެންނެވެ.

އެ އުސޫލުގައި މިގޮތަށް ބަޔާންކޮށްފައިވާއިރު ވަޒީފާގެ ބޭނުމަށް ރިކޯޑް އޮތްކަމުގައި ބަލާ ގޮތް ތަފާތެވެ. އެގޮތުން އޭގައި ބަލަނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވިގެން ތަހުގީގު ހިނގަމުންދިއުމާއި،އެ ބާވަތުގެ މައްސަލައެއް ތަހުގީގުކޮށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފައިވުމެވެ.

ނަމަވެސް ފާއިތުވި ތިން އަހަރުދުވަހުގެ ތެރޭގައި އެ މީހެއްގެ މައްޗަށް އެއްފަހަރަށްވުރެ ގިނަފަހަރު ނުވަތަ އެއް ކުށަށްވުރެ ގިނަ ކުށުގެ ތުހުމަތު ކުރެވިފައިވާނަމަ ވަޒީފާގެ ބޭނުމަށް އެ މީހެއްގެ ރިކޯޑް ހާމަކުރުމުގައިވެސް ބަލަންވާނީ އާއްމު މިންގަނޑުން ކަމަށް ބަޔާންކޮށްފައިވެއެވެ.