ދުނިޔެއަށް ކުރިމަތިލާން ޖެހިފައި ވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިންތަކަށްވެސް ނުސިހޭ ފަދަ ވަރުގަދަ ވޭރިއަންޓްތަކެއް އުފެދިދާނެ ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަޖުރިބާކާރަކު ދެއްވައިފިއެވެ.

ކޮވިޑް-19 އަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ހުންނަވާ ޓެކްނިކަލް ހެޑް، މާރިއާ ވެން ކަރްކޯފް ވިދާޅުވީ، އާ ވޭރިއަންޓްތައް އުފެދުމުގެ ފުރުސަތު، އިންތިހާއަށް އެބަ އޮތް ކަމަށާ، އަދި އެވޭރިއަންޓްތަކަކީ، މިހާރު ލިބެން ހުރި ވެކްސިންތަކަކަށް ވުރެ ބާރުގަދަ ވޭރިއަންޓްތަކަކަށް ވުމުގެ ފުރުސަތުވެސް އެބަ އޮތް ކަމަށެވެ.

މިއާއެކު ވެން ކަރްކޯފް ވަނީ، ހަމައެކަނި ވެކްސިންތަކަށް ބަރޯސާ ވުމުގެ ބަދަލުގައި، ދެންވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް، ގައުމުތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.

ކޮރޯނާވައިރަހުގެ ވޭރިއަންޓްތައް އިތުރު ވަމުން ގޮސް، ގްރީކް އަކުރުގެ 24 އަކުރު ހުސްވެދާނެ ކަމަށްވެސް ވެން ކަރްކޯފް ވަނީ ހާމަ ކުރައްވާފައެވެ. ކޮވިޑް-19 އާ ގުޅިގެން އުފެދުނު ވޭރިއަންޓްތަކަށް ޑަބްލިއުއެޗްއޯއިން ނަން ދެމުން ދިޔައީ ގްރީކް އަކުރުތަކުގެ ނަމުން ކަމަށް ވާއިރު، އެންމެ ބޮޑު ސަމާލު ކަމެއް ހުއްޓިފައި ވަނީ ޑެލްޓާ، ބީޓާ އަދި އަލްފާގެ ނަމުން ނަން ދީފައި ވާ ވޭރިއަންޓްތަކަށެވެ.

ގްރީކް އަކުރުތައް ހުސްވުމުން، ދެން އުފެދޭ ވޭރިއަންޓްތަކަށް ނަން ދިނުމުގައި ހިޔާރު ކުރާނީ ތަރިތަކުގެ ނަންތައް ކަމަށްވެސް ވެން ކަރްކޯފް ވިދާޅުވިއެވެ. ނަން ދިނުމުގައި އެއްވެސް މީހަކަށް ކުޑައިމީސް ނުވާނެ ގޮތަށް ނަން ދިނުމަށް ޑަބްލިއުއެޗްއޯއިން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށްވެސް ވެން ކަރްކޯފް ވަނީ ވިދާޅުވެފައެވެ.

ޑަބްލިއުއެޗްއޯއިން ދަނީ، ބަލިމަޑުކަމާ ގުޅިގެން ވަކި ގައުމެއް ނުވަތަ ވަކި ނަސްލަކަށް ދެރަބަސް ލިބެނިވި އެންމެ ހާ ކަންކަމާއި ނަންނަމުން ދުރުވުމަށް، ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލަމުންނެވެ.