އަވަށްޓެރި ސްރީލަންކާގެ ބާޒާރުތަކުން ހިކިކިރުގެ އުފެއްދުންތައް ލިބުނު ދަތިވެފައި ވީ ނަމަވެސް، އަގު އުފުލަން ހުއްދަ ނުދެއްވާނެ ކަމަށް، އެ ގައުމުގެ ނާމްސޫފީގެ ސިނާއަތާ ބެހޭ ސްޓޭޓް މިނިސްޓަރު ޑީބީ ހީރާތު ވިދާޅުވެއްޖެއެވެ.

ކެންޑީގައި ހުންނަވާ، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހީރާތު ވިދާޅުވީ، ބާޒާރުތަކުން ހިކިކިރު ލިބުން ދަތިވެފައި އޮތް އުތުމަށްވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ކަން މިހެން އޮތް އިރު، ޓްރޭޑް މިނިސްޓަރު ޑރ ބަންޑޫލާ ގުނަވަރުދަނާ ވަނީ، ހިކިކިރު ވިއްކަމުންދާ އަގަށް 200 ރުޕީޒް އިތުރު ކޮށްގެން، މިހާރު ކުރިމަތި ވެފައި ވާ ސަޕްލައިގެ ދަތިކަމަށް ހައްލު ހޯދޭނެ ކަމަށާ، ނަމަވެސް މިފަދަ ގޮތަކަށް އަގުތައް އުފުލަން ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ލަންކާގެ ބާޒާރުން ހިކިކިރު ލިބުން ދަތިވެފައި ވަނީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާއެކު ޝިޕިންގް އަދި ސަޕްލައި ޗޭނަށް ބުރޫ އަރާ، އަގުތަށް އުފުލިފައި ވާއިރު، ލަންކާގެ ބާޒާރުތަކުގައި ހިކިކިރު ވިއްކޭނެ އަގު އުފުލުމަށް ހުއްދަ ނުދިނުމުން، އެ އުފެއްދުންތައް އިމްޕޯޓް ނުކުރާތީ ކަމަށްވެސް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

އާންމުން ދަނީ ލަންކާގެ ބަޒާރުތަކުން ހިކިކިރު ލިބުން ދަތިވެފައި ވާ ކަމުގެ ޝަކުވާ އުފުލަމުންނެވެ. ބައެއް ސަރަހައްދުތަކުން، އެންމެ ކުޑަ ސައިޒްގެ ހިކިކިރު ޕެކެޓެއްވެސް ގަންނަން ނުލިބޭ ކަމުގެ ޝަކުވާ، މުދާ ގަންނަ ފަރާތްތަކުން ކުރާ ކަމަށް ލަންކާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.