ހަނގުރާމަ ގަދަވެފައި ވާ އަފްގާނިސްތާނަކީ، އަނެއްކާވެސް ބައިނަލްއަގުވާމީ ޓެރަރިޒަމް ހަބަކަށް ވެދާނެ ކަމުގެ އިންޒާރު، އިނގިރޭސި އަސްކަރިއްޔާގެ ކުރީގެ އިސް ކޮމާންޑަރެއް ކަމަށްވާ ޖެނެރަލް ސާ ރިޗާޑް ބެރޯންސް ދެއްވައިފިއެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރި ވަމުން ދިޔަ ހުޅަނގުގެ އަސްކަރީ ފައުޖުތައް އެ ގައުމުން ބޭލުމަކީ ހެދޭ "އިސްތިރާޖީ ގޯހެއް" ކަމަށް ސިފަކުރައްވާފައި ވާ ޖެނެރަލް ބެރޯންސް ވަނީ، ޓެރަރިސްޓް ޖަމާއަތްތަކުން އަނެއްކާވެސް އަފްގާނިސްތާނުގައި ގުރޫޕު ހަދަން ފަށައިފިނަމަ، އެކަމުގެ ނަތީޖާއަކަށް ވާނީ ވިލާތަށް ހަމަލާ އަމާޒު ވުން ކަމުގައި ވެދާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

ބީބީސީގެ ރޭޑިއޯ ސްޓޭޝަނަކަށް ދެއްވި ބަސްދީގަތުމެއްގައި ޖެނެރަލް ބެރޯންސް ވިދާޅުވީ، އަފްގާނިސްތާނުން ފައުޖުތައް ބޭލުމަކީ، ކަންކަން ފުރިހަމައަށް ވަޒަން ކުރުމުގެ ގާބިލުކަން ނެތް ކަން އަންގައިދޭ ކަމެއް ކަމަށެވެ. އަދި އިންސާނީ ނުވަތަ ސިޔާސީ ކާރިސީއަކުން ސަލާމަތް ކުރުމުގެ ބަދަލުގައި އަފްގާނިސްތާނު ދޫކޮށް ދިއުން މާ ރަނގަޅު ކަމަށް ދެކެވުންކަމަށެވެ.

ޓެރަރިސްޓް ޖަމާއަތްތަކުން އަފްގާނިސްތާނުގައި އަނެއްކާވެސް ވަކި ހިއްޕާލުމަށް ފުރުސަތު އޮތް އިރު، ފައުޖުތައް ބޭލުމަކީ އެކަމުގެ އިސްތިރާޖީ ނަތީޖާ ހިތި ވާނެ ކަމެއް ކަމަށްވެސް ޖެނެރަލް ބެރޯންސް ވަނީ ވިދާޅުވެފައެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ފައުޖުތައް އެ ގައުމުން ބޭލުމަކީ ހެދޭ ގޯހެއް ކަމަށް، އަފްގާން ހަނގުރާމަ ފެއްޓެވި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްވެސް ވިދާޅުވެފައި ވާއިރު، އިނގިރޭސިވިލާތާއި އެމެރިކާގެ އަދުގެ ސަރުކާރުން ދަނީ، ފައުޖު ބޭލުމަށް ތާއީދު ކުރަމުންނެވެ.

އަފްގާނިސްތާނުގެ މަސްރަހުގައި މިހާރު ކަން ހިނގަމުން ދާ ގޮތާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށާ، ނަމަވެސް އަސްކަރީ އިމުގެ ތެރެއިން ހައްލު އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

މި މަހުގެ 31 ގެ ނިޔަލަށް، ފައުޖުތައް އަފްގާނިސްތާނުން ފައިބާއިރު، ތޯލިބާނުން މިހާރުވެސް ވަނީ މުހިންމު ސިޓީތަކެއްގެ ކޮންޓްރޯލް ނަގާފައެވެ.