އަވަށްޓެރި ސްރީލަންކާގައި ކައްކާ ގޭހުގެ ދަތިކަން ކުރިމަތި ވެފައި ވާ ކަމަށް، އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
ލަންކާ މީޑިއާއިން ހަބަރު ދޭ ގޮތުގައި 2،9 މިއަން ގޭސް ސިލިންޑަރުގެ އުނިކަމަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މިއާއެކު ލާފްސް ގޭސްއިން މަގުތަކަށް ނިކުމެ އަތްފުނާ އަޅައިގެން ގޭސް ސިލިންޑަރު ހޯދުމުގެ މަސައްކަތް ފަށާފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.
ސްރީލަންކާގައި ގޭސް ސިލިންޑަރު ލިބުން ދަތި ވާން ފެށީ، އެ ގައުމަށް މަޝްހޫރު 2 ގޭސް ކުންފުނި ކަމަށް ވާ ލިޓްރޯ އަދި ލާފްސް ގޭސްއިން، ގޭސް ވިއްކާ އަގު ބޮޑު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅި ހިސާބުންނެވެ.
އެ ކުންފުނިތަކުން ބުނީ ގޭސް ސިލިންޑަރުގެ އަގު މިހާރު ކަނޑައަޅާފައި ހުރީ ދުނިޔޭގެ ބާޒާރުގައި ޖުލައި 2019 ގައި ގޭހުގެ އަގު ހުރި ގޮތަށް ބަލާ، ޑޮލަރުގެ އަގަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށެވެ.
ޖުލައި 2019 ގައި 1 މެޓްރިކް ޓަނުގެ ގޭހުގެ އަގު ހުރީ 364 އެމެރިކާ ޑޮލަރުގައެވެ. ލަންކާގެ އެކްސްޗޭންޖު ރޭޓަކީ، ޑޮލަރަކަށް 178 ރުޕީޒްއެވެ.
ދުނިޔޭގެ ބާޒާރުގައި 1 މެޓްރިކް ޓަނުގެ ގޭހުގެ މިހާރުގެ އަގަކީ 658 އެމެރިކާ ޑޮލަރެވެ. އެކްސްޗޭންޖު ރޭޓަކީ 207 ރުޕީޒްއެވެ.
ލަންކާއަށް ކުރިމަތިވެފައި ވާ ގޭހުގެ މައްސަލަ ބެލުމަށް ކެބިނެޓުން ކަނޑައަޅާފައި ވާ ސަބް-ކޮމިޓީން ވަނީ، ގޭހުގެ އަގުތައް އުފުލުމާ ދެކޮޅަށް އިރުޝާދު ދީފައެވެ. ނަތީޖާއަކަށް ވީ، އާންމު ބާޒާރުތަކުގައި ގޭހުގެ ސަޕްލައި ދަށް ވުމެވެ.
ލިޓްރޯ ގޭސް ލަންކާގެ ޗެއާމަން ތިޝާރާ ޖާޔާސިންހަ ވިދާޅުވީ، އާ ގޭސް ސިލިންޑަރެއް ގަންނަން 5450 ރުޕީޒްއަށް ވުރެ އިތުރަށް ހަރަދު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ލޯކަލް ޑީލަރުން، އެއަށް ވުރެ ބޮޑު އަގުގައި ވިއްކާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ކުރިމަތިވި އިގުތިސޯދީ އަދި މާލީ ތަކުލީފުތަކާއެކު އާ ސިލިންޑަރު ހޯޑުމަށް ކަސްޓަމަރުންނަށް ކެރިފޯރާނެ ކަމާ މެދު ލަންކާގައި ވަނީ ސުވާލު އުފެދިފައެވެ.
ކުރިއަށް އޮތީ ފިނި މޫސުމުގެ ދުވަސްވަރު ކަމުން، ވިލާތާއި އުތުރު އެމެރިކާއިން ގޭހަށް ކުރާ ޑިމާންޑް އިތުރު ވެގެން ދާއިރު، ލަންކާއަށް ކުރިމަތިވެފައި ވާ ގޭހުގެ މައްސަލަ ވާނީ އިތުރަށް ގޯސް ކަމަށް ލަފާ ކުރެވެއެވެ.
ސްރީލަންކާގެ ވިޔަފާރިއާ ބެހޭ ވަޒީރު ބަންދޫލާ ގުނަވަރުދަނާ ވިދާޅުވީ މާލީ ވުޒާރާއާއި ދައުލަތުން ހިންގާ ގޭސް ކުންފުނިން، ކުރިއަށް އޮތް ހަފުތާ ތެރޭގައި ޕްލޭނެއް ތަންފީޒު ކުރާނެ ކަމަށެވެ.
ވިލާ ގޭހަށް ހޮޅި އަޅާ . ތިކަން ހައްލުވާނެ .