އަފްގާނިސްތާނުގެ އުތުރުގެ ސަރަހައްދުތަކުގެ މުހިންމު ސިޓީއެއް ކަމަށް ވާ ކުންދޫޒް، ހަތިޔާރު އެޅި، ހަނގުރާމަވެރި ތޯލިބާން ޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފިއެވެ.
ތޯލިބާނުންގެ ބާރުގެ ދަށަށް ކުންދޫޒް ސިޓީ ގެންގޮސްފައި މިވަނީ، އަފްގާނިސްތާނުގެ ސަރުކާރަށް އެއްބާރުލުން ދޭ ސަލާމަތާ ބާރުތަކާ ދެމެދު ހިންގި ކުރިމަތިލުންތަކަކަށް ފަހުގައެވެ.
ސަރަހައްދީ އޮފިޝަލަކު ވަނީ، ކުންދޫޒްގެ އެއާޕޯޓް، ތޯލިބާނުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައި ވާ ކަން، ބައިނަލްއަގުވާމީ މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ.
ކުންދޫޒްއިން ލިބެމުން ދާ މަންޒަރުތަކަށް ބަލާއިރު، އެ ސިޓީއިން ފެނިގެން ދަނީ ނުތަނަވަސް މަސްރަހެކެވެ. އިމާރާތްތަކާ ފިހާރަތަކުގައި ހުޅު ޖަހާފައި ވާ މަންޒަރެވެ. ސިޓީގެ މެދު ތެރޭގައި ތޯލިބާނުންގެ ދިދަ ނަގާފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.
ކުންދޫޒްއަކީ މިދިޔަ ހުކުރު ދުވަހަށް ފަހު، ތޯލިބާނުންގެ މުށު ތެރެއަށް ލީ ސަރަހައްދީ ވެރިރަށް ތަކުގެ ތެރެއިން 3 ވަނަ ރަށެވެ. އަދި މިއީ މި އަހަރުގެ ތެރޭގައިވެސް އެ ޖަމާއަތުން ހޯދި އެންމެ ބޮޑު ކުރިއެރުން ކަމަށް ސިފަކުރެއެވެ.
އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކާ ތޯލިބާން ހަނގުރާމަވެރިންނާ ދެމެދު ހަނގުރާމަ ގަދަވެފައި މިވަނީ، 20 އަހަރު ދުވަހުގެ ހަނގުރާމައަކަށް ފަހު އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުން ދޭ ބައިނަލްއަގުވާމީ އަސްކަރީ ފައުޖުތަކުން އަފްގާނިސްތާން ދޫކޮށް، ފައިބަމުން ދާ ދަނޑިވަޅާ ދިމާކޮށެވެ.
ކުންދޫޒްއަކީ މި އަހަރުގެ މެއި މަހު، ތޯލިބާނުން ހަމަލާތައް ވަރުގަދަ ކުރި ފަހުން އެ ޖަމާއަތުން އަތުލި އެންމެ ވަރުގަދަ ސިޓީއެވެ. މި ސިޓީއަކީ އަފްގާނިސްތާނުގެ އުތުރު ޕްރޮވިންސްތަކަށް ދެވެން އޮންނަ މައި ދޮރޯށީގެ ގޮތުގައި ސިފަކުރާ ސިޓީއެވެ. ވެރިކަން ކުރާ ކާބުލްއާ ގުޅާލާފައި ވާ ހައިވޭއެއްވެސް ކުންދޫޒް ގައި އޮވެއެވެ.
ކުންދޫޒްއަކީ ތޯލިބާނަށް މުހިންމު ސިޓީއެކެކެވެ. 2001 ވަނަ އަހަރުގެ ކުރިން، މި ސިޓީއަކީ ތޯލިބާނުންގެ އިންތިހާ ބާރު އޮތް ސިޓީއެކެވެ. އެމެރިޚާ ސިފައިން އަރާ ތޯލިބާނުންގެ ވެރިކަން ވައްޓާލި ފަހުން 2015 އަދި 2016 ގައިވެސް ތޯލިބާނުން ކުންދޫޒް ހިފިއެވެ. ނަމަވެސް ދިގު މުއްދަތަކަށް އެ ބާރު ދެމެހެއްޓޭ ގޮތް އޮތީ ނުވެފައެވެ.
އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކާ ތޯލިބާން ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް ހިންގަމުން ދާއިރު، އާންމުންގެ އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލި، ބިކަވެފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްފައެވެ.