އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިތަދޫ އާރުއޭއެފް ސަރަަހައްދުގައި ހަދަމުން އަންނަ ޕޮލިސް އެކަޑަމީއަށް އިންޑިއާއިން 600 މީހުން ގެންނަން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފިއެވެ.

އެ މަޝްރޫއު ކުރިއަށް ގެންދާ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓްސްގެ ޗެއާމަން ބުޕޭޝް ނާގަރާޖަން އިންޑިއާ ނޫސްތަކަށް ދެއްވި އިންޑަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި ހިންގާ މަޝްރޫއަށް އިންޑިއާގެ 500 މަސައްކަތު މީހުންނާއި 100 އިންޖިނިއަރުން ރާއްޖެ ގެންނާނެ ކަމަށެވެ.

ބުޕޭޝް ނާހަރާޖަން ވިދާޅުވިގޮތުގައި އެމީހުން ގެނައުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޓެމިލްނާޑޫ އިންނެވެ.

ކޮވިޑާ ގުޅިގެން ވަޒިފާތައް ގެއްލިފައި ތިބި މީހުންނާއި މެދުއިރުމަތީގެ ވަޒީފާތަކުން އެނބުރި އިންޑިއާއަށް ގޮސްފައި ތިބި މީހުންނަށް އިސްކަން ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އެ މީހުން ރާއްޖެ ގެންނަން ހާއްސަ ފްލައިޓްތަކެއް ވެސް ބާއްވަން ނިންމާފައިވާ ކަން އޭނާ ފަހަގަކުރެއްވިއެވެ. އަދި ކޮވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ރާއްޖެ ވިސާ ދޭނެ ކަމަށްވެސް ބުޕޭޝް ނާހަރާޖަން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން 61 ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމަށް އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާ ހަވާލުކުރީ މިދިޔަ މަހު 17 ވަނަ ދުވަހުއެވެ.

ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ 48 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓް އިންޑިއާގެ މި ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ކ. ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީއާއި މިހާރުވެސް ބޭނުން ކުރަމުންދާ ދެ އިމާރާތެއް އުމްރާނީ ގޮތުން އިތުރަށް ތަރައްގީ ކުރުމާއި، އަތޮޅު ތެރޭގެ ރަށްރަށުގައި އިމާރާތް ކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން 8 އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް ހިމެނެއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ސަބަބުން ފުލުހުންގެ މަރުކަޒުތައް ތަފާތު ސަރަހައްދުތަކުގައި ގާއިމުކޮށް، ލާމަރުކަޒީ އުސޫލުން ރައްޔިތުން ބޭނުންވާފަދަ ޒަމާނީ ޑިމޮކްރަޓިކް ހިދުމަތެއް ދިނުމުގެ މަގު ތަނަވަސް ވެގެން ދާނެ ކަމަށް ޕޮލުހުންގެ އިދާރާއިން ބުނެއެވެ. އޭގެ އިތުރުން، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މީހުން ބަންދުކުރެވޭނެ ވަސީލަތްތައް ގާއިމުވެ، އަސާސީ ގޮތުން ފުލުހުންގެ މަރުކަޒުތަކުގައި ހުންނަން ޖެހޭ ކަންކަން ފުރިހަމަވެގެން ދާނެ ކަމަށް ވެސް ބުނެއެވެ.

މި މަޝްރޫއަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއަން އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާއެކު ވެވޭ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. މަޝްރޫއުގެ 85 ޕަސަންޓް އެގްޒިމް ބޭނުންކުން ފައިނޭންސް ކުރާގޮތަށެވެ. ބާކީ 15 ޕަސަންޓް ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ.