ރައީސް ސޯލިހުގެ ޕާޓީ ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް އޮޅުމުން އެމްޑީޕީގެ ބައެއް މެމްބަރުން ފާޑުކިޔައިފިއެވެ.
ފާޑުކިޔާފައިވަނީ ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަފީފް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ނޭނގޭ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފައިވާނަމަ އެވާގޮތަކީ އެބޭފުޅެއް އަމިއްލައަށް އޮޅުން ކަމަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއިން ޝަމީމް (އަނދުން ހުސައިން) ވަނީ އަފީފަށް ރައްދު ދެއްވައިފިއެވެ.
މިކަމާއި ރައްދުދެއްވަމުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެމްޑީޕީގެ އެއްވެސް މަޖިލީހުގެ މެމްބަރަކަށް މިފަދައިން ވިދާޅެއް ނުވާނޭ ކަމަށެވެ.
އަފީފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް އެތައް ޒަހަމެއް ލިބިފައިވީ އިރުވެސް "މާ ބޮޑު ކަމެއް ނުވާ" ކަމާއި ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް އަދާލަތު ޕާޓިއަށް ނިސްބަތްވާ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި ކަމަށާއި، ރައީސް ސޯލިހުގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި މިހާރު ތިބީ އަދާލަތު ޕާޓިގެ މެންބަރުންކަމަށެވެ.
އަފީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަރުކާރުން އެއްވެސް ވަރަކަށް ކަންބޮޑު ނުވާކަމަށެވެ.
އަފީފް އިތުރަށް ވިދާޅުވީ މެއި 6 ގެ ހާދިސާއާ ގުޅިގެން ދައުވާ ކޮށްފައިވާ ހަތަރު މީހުންނާ ހިސާބުން އެ މައްސަލަ ނިންމައިލެވެން ނެތްކަމަށާއި އެއީ އެއަށްވުރެ މާ މަތީ ލެވެލްއެއް ޝާމިލްވެފައިވާނެ ކަމެއްކަމަށް ގަބޫލުކުރެވޭކަމަށެވެ.