މާލޭ ސަރަހައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައި ވާތީ ފަރުޟު ނަމާދު ތަކުގައި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ކިޔަމުންއައި ގުނޫތު ނާޒިލާ ކިޔުން ހޮނިހިރު ދުވަހުގެ ފަތިސް ނަމާދުން ފެށިގެން ހުއްޓާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގްރޭޓާ މާލެ ސަރަހައްދުގައި ކޮވިޑް-19 ބަލީގެ ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލު ކުރުމަށްޓަކައި އާންމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރު ލެއްވުމާއެކު ދައުލަތުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، އެކަމުގެ ސަބަބުން މާލެ ސަރަޙައްދުގެ ކޮވިޑުގެ ހާލަތު ރަނގަޅުވުމާއި ގުޅިގެން، އާންމު ރައްޔިތުންނަށް ވަނީ ވަރަށް ގިނަ ކަންތައްތަކެއްގައި ލުއިތައް ވަރަށް ބޮޑަށް ހުޅުވާލާފައި ކަމަށެވެ.

ރާއްޖޭގައި ކޯވިޑުގެ ހާލަތު ގޯސްވުމުން އެޅި ފިޔަވަޅުތަކުގެތެރެއިން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި އޮތުމަށްފަހު، ގައިދުރުކޮށް މިސްކިތުގައި ޖަމާއަތް ހެދުމަށް ހުއްދަދީފައި ވަނީ މިދިޔަ މަހުން ފެށިގެންނެވެ. އަދި ކޮންމެ ފަރުޟު ނަމާދެއްގައި ގުނޫތު ނާޒިލާ ކިޔުމަށް މޭ މަހު މިނިސްޓްރީން އަންގާފައިވެއެވެ.

ނަމަވެސް ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކޮށް، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔުވައި، އިސްތިޣްފާރު ކުރުމަށާއި، މިބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުމަށާއި މި ލޮބުވެތި ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅު ކޮށްދެއްވުން އެދި ގިނަގިނައިން ދުއާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހުރިހާ ފަރާތްތަކުން މިސްކިތްތަކުގައި ތިބޭ ވަގުތުތަކުގައްޔާއި ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކު އެޅުމަށާ ކަމާގުޅޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، ﷲގެ ރަހްމަތުން މާޔޫސްނުވެ ސަބަބުތަކުގައި ހިފައި ފުރިހަމައަށް ﷲ އަށް ވަކީލުކޮށް އުޅުމަށް ވެސް ބަޔާނުގައި ނަސޭހަތްތެރިވެފައިވެއެވެ.