ބޮޑެތި ކުށްތަކުގައި ތުރުހުމަތު ކުރެވޭ ފަރާތްތައް އުޅޭ ނޫޅޭގޮތް ބެލުމަށް ފައިގައި އަޅުވާ "މޮނިކޮން ޓެގް" ހުސްވެފައިވާ ކަމަށް އެމްޑީޕީގެ މޭ 6 ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ކަންކަން ކުރަމުން ދާގޮތް ބެލުމަށް އެމްޑީޕީން އުފައްދާފައިވާ މޭ 6 ކޮމިޓީން ވަނީ ފުލުހުންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ.

ރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސް ޖަލްސާގައި ވާހަ ކަދައްކަވަމުން އަފީފް ވިދާޅުވީ މޭ 6 ކޮމިޓީން ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމުގައި "މޮނިކޮން ޓެގް" ސްޓޮކް ހުސްވެފައި ވާކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި މި މައުލޫމާތު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ޔަގީންކޮށްދެއްވާފައި ވާ ކަމަށް ވެސް އަފީފު ވިދާޅުވިއެވެ.

މޮނިކޮން އަމުރު ނެރެފައިވާ ފަރާތްތައް މޮނިޓާ ކުރާ ކަމަށާއި ޓެގު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން އެ ބައްދަލުވުމުގައި ބުނެފައި ވާކަމަށް އަފީފް ވިދާޅުވިއެވެ.

"މޮނިކޮން ޓެގް" އަކީ މޮނިކޮން އަމުރުގެ ދަށުން ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ފައިގައި އަޅުވަން ބޭނުންކުރާ ޓެގެކެވެ. ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރަކީ ބޮޑެތި ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް އުޅޭ ނޫޅޭގޮތް ބެލުމަށާއި އެމީހުންނަށް ފާރަލުމަށް ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ހައި ކޯޓުން ނެރޭ އަމުރެކެވެ. އަދި މި އަމުރާއެކު ތުހުމަތު ކުރެވޭ ފަރާތްތަކުގެ ފައިގައި "މޮނިކޮން ޓެގް" އަޅުވައެވެ.

ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންގެ ފައިގައި "މޮނިކޮން ޓެގް" އަޅުވަން ފަށައިފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެއް އަހަރުގެ މުއްދަތަށް ނެރޭ މި އަމުރާ ހިލާފުވެއްޖެނަމަ 18 މަސްދުވަހުގެ ޖަލުހުކުމެއް އެމީހެއްގެ މައްޗަށް އަންނާނެއެވެ.