ދުނިޔޭގެ އެންމެ މަޝްހޫރު ޓެކްނޮލޮޖީ ގެޖެޓް ކުންފުނީގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރަމުން އަންނަ އެޕަލް ކުންފުނީގެ ޑިވައިސްތަކުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭ ކޮންޓެންޓް ގެންގުޅޭތޯ ބެލުމަށް، އެ ޑިވައިސްތައް ސްކޭން ކުރާނެ ކަން، އެޕަލް ކުންފުނިން ހާމަކޮށްފިއެވެ.

އެޕަލް ކުންފުނިން ވަނީ، އެ ކުންފުނީގެ ކަސްޓަމަރުން ބޭނުން ކުރާ ޑިވައިސްތަކުގައި "ސީސޭމް" ނުވަތަ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅޭ ކޮންޓެންޓް އެކުލެވޭ ތޯ ސްކޭން ކުރުމަށް ބޭނުން ކުރާނެ ނިޒާމުގެ ތަފްސީލުތައްވެސް އާންމު ކޮށްފައެވެ.

އެގޮތުން އައިކްލައުޑަށް ފޮޓޯއެއް އަޕްލޯޑް ކުރާއިރު، އެ ފޮޓޯއަކީ، ސީސޭމްއާ ގުޅުން ހުރި ފޮޓޯއެއްތޯ ސްކޭން ކުރާނެ ކަމަށް އެޕަލް ކުންފުނިން ވަނީ ބުނެފައެވެ. ޓެކްނޮލިޖީގެ އެހީގައި ކުރާ ސްކޭނުން ފޮޓޯއެއް ފާހަގަ ކުރެވޭ ހިސާބުން އެކުންފުނީގެ މުވައްޒަފަކު އެ ކޭހާ ހަވާލުވެ، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ތަންފީޒީ ބާރުތަކލުގެ ސަމާލުކަމަށް އެކަން ގެންނާނެ ކަމަށް އެޕަލް ކުންފުނިން ބުނެއެވެ.

ކަން މިހެން އޮތްއިރު، ބައެއް ފަރާތްތަކުން ދަނީ، މިއީ ހުދުމުހުތާރު ސަރުކާރުން، އެ ގައުމުތަކުގެ ރައްޔިތުންގެ މައްޗަށް ބާރު ފޯރުވުމަށް ނާޖާއިޒު ފައިދާ ނެގުމަށް މަގުފަހި ކޮށްފާނެ ބަދަލެއް ކަމަށް ބުނެ، ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެޕަލް އިން ވަނީ މިއަހަރު ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައި ވާ އައިއޯއެސް އަދި އައިޕެޑްއޯއެސް ފަރުމާ ކޮށްފައި ވާނީ، އޮންލައިން ޕްލެޓްފޯމްގައި ސީސޭމް މަރު ކުރުމަށް ބާރުދޭ ގޮތަކަށް ކަމަށް ބުނެފައެވެ.

ކަސްޓަމަރުންގެ ޑިވައިސްގައި ހުރި ފޮޓޯތަކަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭ ފޮޓޯއެއްތޯ އަޅާ ބެލުމަށް އެޕަލް ކުންފުނިން ގެންގުޅޭ ޑޭޓާބޭހަކީ، އެމެރިކާގެ ނޭޝަނަލް ސެންޓާ ފޮ މިސިންގް އެންޑް އެކްސްޕްލޮއިޓަޑް ޗިލްޑްރަންއާއި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރި ކަމަށް މަސައްކަތް ކުރާ އެހެން ޖަމިއްޔާތަކުން ޖަމާކޮށްފައިވާ މައުލޫމާތު އެކުލެވޭ ޑޭޓާބޭހެކެވެ.