ރާއްޖޭގައި ކޮވިޑް ވެކްސިން ނުޖަހާ މީހުން، ކަރަންޓީނު ކޮށް ދޫކޮށްލުމުގެ ކުރިން ހަދާ ރިލީޒް ސާމްޕަލް ލާރި ދައްކަން ޖެހޭ ގޮތް ހަދަން އެޗްޕީއޭއިން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ، އަންނަ މަހުން ފެށިގެން މިގޮތަށް އަމަލު ކުރަން ފަށާނެ ކަމަށެވެ. އަދި ވެކްސިން ނުޖަހާ މީހުން އަމަލު ކުރާނެ އުސޫލު ހާމަ ކުރެއްވި އިރު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުމުގެ އެންމެ ފަހު ތާރީހަކަށް އަންނަ މަހުގެ އެއްވަނަ ދުވަސް މިހާރު ކަނޑައަޅާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ވެކްސިން ޖެހޭ އުމުރުފުރާގެ މީހުންގެ ތެރެއިން ވެކްސިން ނުޖަހާ މީހުންނާ މެދު އަމަލު ކުރާނެ ގޮތްތައް ހާމަ ކުރައްވަމުން ނަޒްލާ ވިދާޅުވީ، ބަލި އުޅޭ ރަށަކުން ވެކްސިން ނުޖަހާ ދަތުރުކުރާ މީހުން މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް ކަރަންޓީނު ވާން ޖެހޭނެ ކަމަށެވެ. ނަމަވެސް އަންނަ މަހުން ފެށިގެން ވެކްސިން ނުޖަހާ މީހުން ކަރަންޓީނު ވުމަށް ފަހު ނަގާ ރިލީޒް ސާމްޕަލް އަށް ފައިސާ ދައްކަން ޖެހޭނީ އެމީހަކު އަމިއްލައަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން އަންނަ މަހުން ފެށިގެން ޕީސީއާރް ޓެސްޓް ހަދަން ނުޖެހި ރަށްތަކަށް ދަތުރު ކުރެވޭނެ އުސޫލެއް ހަމަޖައްސާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އާބާދީގެ ފަސް ޕަސަންޓަށް ވުރެ މަދުން ކޮވިޑް 19ގެ ބަލީގެ މީހުން ތިބި ރަށަކުން، 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސަންޓް ރައްޔިތުން ވެކްސިން ފުރިހަމަ ކޮށްފައި ވާ ރަށަކަށް ދަތުރުކުރާ ނަމަ ޕީސީއާރް ޓެސްޓަކާ ނުލައި ސެޕްޓެމްބަރު 1 އިން ފެށިގެން ދަތުރުކުރެވޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން އެ މީހަކު އެ ދާ ރަށެއްގެ އާބާދީގައި ހިމެނޭ 65 އަހަރުން މަތީގެ 90 ޕަސަންޓް މީހުންނާއި، އެ ރަށެއްގައި ގެސްޓްހައުސް ހިންގާނަމަ އެ މަސައްކަތުގައި ބައިވެރިވާ ޖުމްލަ މުވައްޒަފުންގެ 90 ޕަސަންޓް މުވައްޒަފުން ވެސް ވެކްސިން ފުރިހަމަ ކުރަންޖެހޭ ކަމަށް ނަޒްލާ ވިދާޅުއެވެ.
މީގެކުރިން ބަލި އުޅޭ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރް ޓެސްޓެއް ހަދަން ޖެހެއެވެ.
ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް މި މަހުގެ ނިޔަލަށް، ވެކްސިން ޖަހައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.