މި މަސް ތެރޭ ފައިޒާ ވެކްސިންގެ އާ ޝިޕްމަންޓެއް ލިބޭނެ ކަމަށާއި އެ ވެކްސިން ޖަހައިދޭ ކުޑަކުދިންގެ އުމުރު ފުރާ އަކީ 12 އަހަރާއި 17 އަހަރާ ދެމެދު ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީން) ބުނެފިއެވެ.

މިއަދު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ މި މަސްތެރޭ ފައިޒާ ވެކްސިން ލިބިގެން ޖަހަން ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އަންނަ ހަފްތާ ތެރޭ ވެކްސިން ޖަހަން ފަށާނެ ތާރީހެއް ހާމަ ކުރައްވާނެ ކަމަށެވެ. އަދި ވެކްސިން ޖަހަން ފަށާއިރު އެ ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައި ވަނީ ވަކި ކެޓަގަރީ ތަކަަކަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ފައިޒާ ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައި ވާ ކެޓަގަރީތައް:

  • އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިން
  • ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަހުން މާބަނޑުވުމުން ވެކްސިން ފުރިހަމަ ނުކުރެވި ތިބި މީހުން
  • އެއްވެސް ވެކްސިންއެއް ނުޖަހާ ތިބި މާބަނޑު މީހުން
  • ހަށިގަނޑުގައި ދިފާއީ ނިޒާމް ދެރަވާ ފަދަ ބައްޔަކަށް ބޭސްކުރާ މީހުން
  • ރާއްޖެއިން ބޭރުގައި ފައިޒާ ވެކްސިން ޖަހައިފައި ތިބި ދިވެހިން
  • ބޭރަށް ކިޔަވަން ދާ ދަރިވަރުންގެ ތެރެއިން ފައިޒާ ނޫން ވެކްސިން ގަބޫލު ނުކުރާ ގައުމުތަކަށް ދާ ދަރިވަރުން

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަން ފަށާއިރު، މިހާރު އެޗްއީއޯސީން ދަނީ ވެކްސިން ޖަހާ ކުދިންގެ އަދަދު ދެނެގަންނަން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އެޑިއުކޭޝަނާ ގުޅިގެން އެ މަސައްކަތް މިހާރު ހަލުވި ސްޕީޑެއްގައި ކުރަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ނަޒްލާ ވިދާޅުވީ، ފައިޒާ ވެކްސިން ޖެހުމުގައި ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ސްކޫލް މެދުވެރިކޮށް ކަމަށެވެ. އެ ގޮތުން ސްކޫލުން ދަރިވަރުން ވެކްސިން ސެންޓަރުތަކަށް ގެންގޮސް ވެކްސިން ޖަހައިދޭ ގޮތަށް ހަމަޖައްސާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ފައިޒާ ވެކްސިންގެ އާ ޝިޕްމަންޓެއް އަންނަ އިރު އަސްޓްރާޒެނީކާގެ އާޝިޕްމަންޓް ލިބޭ ކަމުގެ ހަބަރުވެސް ނަޒްލާ ވަނީ ދެއްވާފައެވެ. އަދި ފައިޒާ ވެކްސިން ޖަހާ ގޮތަށް ރާވާފައިވާ ކެޓަގަރީގެ މީހުން ފިޔަވާ ދެން ތިބި މީހުންނަށް ޖަހާނީ އަސްޓްރާޒެނީކާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.