ރާއްޖޭގައި ޖިންސީ ގޯނާގެ ޝިކާރައަށް ވާ ކުޑަކުދިންގެ އަދަދު މަދެކޭ ނުބުނެވޭނެއެވެ. ވޭތުވެ ދިޔަ ދެތިން އަހަރަށް ބަލާލިއަސް މިފަދަ މައްސަލަތައް ރިޕޯޓު ކުރާ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިފަދަ މައްސަލަތަކުގައި އިންސާފު ހޯދައި ދިނުމަށް މަސައްކަތް ކުރާ މީހުންގެ ތެރެއިން ފުލުހުންނަކީ ވަރަށް ބޮޑު ރޯލެއް އަދާ ކުރާ ބައެކެވެ. މައްސަލަ އިންވެސްޓިގޭޓްކޮށް އާއިލާއާއި އަދި ކުޑަކުދިންނާއި ސުވާލުކޮށް އެ މައްސަލައިގައި ކުރިއެރުމެއް ހޯދައި ޕީޖީއާ ހަމައަށް މައްސަލަ ފޮނުވާ އިރު އިންވެސްޓިގޭޝަން އޮފިސަރަަކަށް މަސައްކަތް ކުރާ މީހުންނަކީ އެ ފަދަ ކަމެއް ތަޖުރިބާ ކުރި އާއިލާއަކަށް ވަރަށް ބޮޑު ހިއްވަރެއް ދޭ ބައެކެވެ.
މި މަސައްކަތުގައި މިވަގުތު ފުލުހުންގެ ތެރޭގައި ވެސް އެތައް އަންހެން ފުލުހުން ތަކެއް މަސައްކަތް ކުރާ ކަމަކީ އުފަލާއެކު ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ. އެ ގޮތުން ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ ޕޮލިސް ސާޖަންޓް އައިމިނަތު އިބްރާހީމް ދީދީ (އައިންތު) އަކީ އިންވެސްޓިގޭޝަންގެ ދާއިރާގައި ކުރިއަރަމުން އަންނަ ހިތްވަރުގަދަ އައިއޯއެއްކަން އޭނާގެ މަސައްކަތުން ގެންދަނީ ސާބިތުކޮށްދެމުންނެވެ.
ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަވެފައިވާ އައިންތު ގެންދަނީ އެ ދާއިރާއިން ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. ފުވައްމުލަކުގައި ކުޑަކުދިންތަކަކަށް ޖިންސީގޯނާ ކުރަމުން ދިޔަ މީހަކަށް 32 އަހަރުގެ ޖަލު ހުކުމެއް ދާދިފަހުން ކުރެވިގެން ދިޔަ އިރު އެ މައްސަލަ ތަހުގީގުކުރި އިންވެސްޓިގޭޝަން އޮފިސަރުގެ ހައިސިއްޔަތުން އޭނާގެ މިންނެތް މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރެވިގެން ގޮސްފައިވެއެވެ.
2006 ވަނަ އަހަރު ފުލުހުންގެ ހިދުމަތާ އައިންތު ގުޅުނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށާއި އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައިދިނުމުގެ މަތިވެރި އަޒުމުގައި ކަމަށް ވެސް އޭނާ ބުނެއެވެ. އެއަށްފަހު ތަހުގީގު ކުރުމުގެ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ 2010 ވަނަ އަހަރު ފުލުހުންގެ ޕަބްލިކް ރިލޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި ހިސާބުން ކަމަށް އޭނާ ބުނެއެވެ. އެއީ ފްރަންޓް ޑެސްކުން ގިނަ ބަޔަކާ ބައްދަލުވެ، އެމީހުންގެ މައްސަލަތައް އަޑުއަހައި، ބަޔާން ނެގުމުގެ ތެރެއިން ކަމަށް އައިންތު ބުނެއެވެ. އެގޮތުން މިހާރު އައިންތު ތަހުގީގީ ދާއިރާއާ ގުޅުނުތާ މިއަދާ ހަމައަށް ވަނީ 8 އަހަރު ވެފައެވެ.
ފާއިތުވި 8 އަހަރެއްހާ ދުވަހު ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ތަހުގީގު ކުރުމުގެ ތެރެއިން ގިނަ ކަންކަމަކާ ކުރިމަތިލާ އެތައް ތަޖުރިބާތަކެއް އައިންތު ވަނީ ކޮށްފައެވެ. އެގޮތުން، އިންވެސްޓިގޭޝަން އޮފިސަރެއްގެ ހައިސިއްޔަތުން ބެލެނިވެރިންނަށް އައިންތު ދޭ ނަސޭހަތަކީ ކުދިން ދައްކާ ވާހަކަތަކަށް އިޖާބަދީ އެ ވާހަކަތައް ކަނުލައި އަޑުއަހައި، އެކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބެލެނިވެރިން މަސައްކަތް ކުރުމެވެ.
އޭނާގެ މަސައްކަތުގެ ތެރެއިން އެނގި ދަސްވެފައިވާ އެއް ހަގީގަތަކީ ގިނަ ފަހަރު ކުޑަކުދިންނަށް ޖިންސީ އަނިޔާ ލިބެނީ ނުދަންނަ މީސްމީހުންގެ ފަރާތުން ނޫންކަމެވެ. އާއިލާ ތެރެއިންނާއި، ޒިންމާދާރު މަގާމުގައި ތިބޭ މީހުންގެ ޝިކާރައަށް ކުދިންވާ ފަހަރުވެސް މަދެއް ނޫންކަމެވެ.
ކާމިޔާބު އަންހެން އިންވެސްޓިގޭޝަން އޮފިސަރެއްގެ އިތުރުން އައިންތު އަކީ ދެ ކުދިންގެ މަންމަ އެކެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ކުޑަކުދިން ބެލެހެއްޓުމުގައި ކުދިންނާ އެކު ގިނަ ވަގުތު ހޭދަކޮށް ކުދިން ކުރާ ކަންތައްތައް ރަނގަޅަށް ބެލުމާއި، އެކުދިންނާ އެކީ އުޅޭ ރައްޓެހިންނަކީ ކޮން ބައެއް ކަން ބެލެނިވެރިންނަށް އެނގުން ވަރަށް މުހިންމެވެ. އަދި ކުއްޖަކަށް އަނިޔާއެއް ލިބޭ ކަމަށް ބުނުމުން އެކުއްޖާ ދައްކާ ވާހަކަ ގަބޫލު ކުރުމަށާއި، އަބަދުވެސް ކުދިންގެ މަސްލަހަތަށް އިސްކަން ދިނުމާއި، އާއިލާ ތެރޭގައި ޖެހޭ މައްސަލަތަކުގައި ކުދިން ބައިވެރި ނުކުރުމަށް އައިންތު ނަސޭހަތްތެރިވެއެވެ. އަދި އަބަދުވެސް ކުއްޖާއާ ގާތް ގުޅުމެއް ބާއްވައި ކުއްޖާއަށް އެންމެ ހެޔޮ އެދޭ މީހުންނަކީ ކުއްޖާގެ އާއިލާގެ މެންބަރުން ކަން އިހުސާސް ކޮށްދިނުމުގެ މުހިއްމު ކަން ވެސް އޭނާ ފާހަގަ ކުރިއެވެ.
ފުލުހުންގެ ހިދުމަތުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާ އައިންތު ތަހުގީގު ކުރުމުގެ ދާއިރާއާ ގުޅުނުތާ މިވީ 8 ވަރަކަށް އަހަރުގެ ތެރޭގައި ތަހުގީގު ދާއިރާއާ ގުޅުން ހުރި ތަފާތު ކޯސްތަކެއް ފުރިހަމަކޮށް ކާމިޔާބީތަކެއް ހާސިލުކޮށްފައި ވާއިރު، އިންވެސްޓިގޭޝަން އޮފިސާސް ކޯހުން އޭނާ ވަނީ އެއްވަނަ ހާސިލުކޮށްފައެވެ.
ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހުގީގު ކުރުމުގެ ހުނަރުތައް ދަސްކުރުމަށް ޖުވެނައިލް ޖަސްޓިސްޓް ޓްރެއިނިން، ފެމެލީ އެންޑް ޗައިލްޑް ސެންޓާޑް އިންވެސްޓިގޭޝަން ކޯހާއި، އެޑްވާންސް ޗައިލްޑް އިންޓަވިއުއިން ޓެކްނިކްސް އަދި ޕޮލިސް އިންވެސްޓިގޭޝަން އޮފް ޗައިލްޑް އެކްސްޕްލޮއިޓޭޝަން ސަސްޕެކްޓް އިންޓަވިއުއިން – ހޯލް ސްޓޯރީ އެޕްރޯޗްގެ ޓީއޯޓީ ފަދަ ގިނަ ތަމްރީނުތަކެއް އޭނާ ވަނީ ފުރިހަމަ ކޮށްފައެވެ.