ފާއިތުވީ 20 ވަރަކަށް އަހަރު ދުވަހަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން، ފެންބޮޑުވުމުގެ ހާދިސާތަކަށް ހުށަހެޅިފައި ވާ މީހުންގެ އަދަދު، 25 ޕަސެންޓް އިތުރު ވެފައި ވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ސެޓެލައިޓް މެދުވެރިކޮށް އެއްކޮށްފައި ވާ ތަފާސް ހިސާބުތަކުގެ މައްޗަށް ބިނާކޮށް، ތައްޔާރު ކޮށްފައި ވާ ދިރާސާ ބުނާ ގޮތުން، 86 މިލިއަނެއްހާ މީހުން މިހާރު ދިރިއުޅެމުން ދަނީ، ފެންބޮޑުވުމުގެ ހާދިސާތަކަށް ހުށަހެޅިފައި ވާ ސަރަހައްދުތަކުގައެވެ.
ފެންބޮޑުވުމުގެ ހާދިސާތަކަކީ ދުނިޔެ ތަޖުރިބާ ކުރަމުންދާ މޫސުމީ ކާރިސާތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ހާދިސާއެވެ. ފެންބޮޑުވުމުގެ ހާދިސާތައް ހިނގާ ނިސްބަތްވެސް ގިނައެވެ. ސަބަބެއް ކަމަށް ވަނީ މޫސުމީ ނޭދެނޭ ބަދަލުތަކުގެ ސަބަބުން، ވާރޭވެހޭ މިންވަރު އާދަޔާ ހިލާފަށް އިތުރު ވުމެވެ.
ދާދި ފަހުންވެސް މިފަދަ ހާދިސާތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިނގާފައެވެ. އެގޮތުން، ޗައިނާ، އިންޑިއާ، ޖަރުމަނުވިލާތް އަދި ބެލްޖިއަމްގައި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލިފައި ވާއިރު، ލިބުނު ގެއްލުމުގެ އަގު އެތައް ބިލިއަން ޑޮލަރަކަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ.
ދިރާސާއަށް މައުލޫމާތު އެއްކުރި ފަރާތްތަކުން ވަނީ، 2000 ވަނަ އަހަރުން ފެށިގެން 169 ގައުމެއްގައި ހިނގި، ފެންބޮޑުވުމުގެ 900 އަށް ވުރެ ގިނަ ހާދިސާގެ މައުލޫމާތު، ވަކިވަކީން އެއްކޮށްފައެވެ.
ނޭޗާ ޖާނަލްގައި އާންމު ކޮށްފައި މި ދިރާސާ ބުނާ ގޮތުގައި، އިގުތިސޯދީ އެކި ބޭނުންތައް ޖެހިގެން، ފެންބޮޑުވުމުގެ ހާދިސާތަކަށް ހުށަހެޅިފައިވާ ސަރަހައްދުތަކަށް، 2000-2015 ވަނަ އަހަރާ ދެމެދު، 86 މިލިއަން މީހުން ވަނީ ބަދަލު ވެފައެވެ. މިއީ 25 ޕަސެންޓްގެ އިތުރުވުމެކެވެ.
2000-2018 ވަނަ އަހަރާ ދެމެދު ހިނގި ފެންބޮޑުވުމުގެ ހާދިސާތަކަށް ބަލާއިރު، 2.23 މިލިއަން އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. އަދި މި ކަމުގެ އަސަރު، 290 މިލިއަން މީހުން ވަނީ ފޯރާފައެވެ. އަދި މަސްރަހު ދަނީ ގޯހުން ގޯހަށް ކަންވެސް ފާހަގަ ކުރަން ޖެހެއެވެ.