ދުނިޔޭގައި މިވަގުތު ތިބި މަހުޖަނުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތް އެމެޒޯން ކުންފުނީގެ ބާނީ، ޖެފް ބޭޒޯސްގެ މިލިކިއްޔާތުގެ އަގު އެއް ދުވަހުގެ ތެރޭގައި ބޮޑު ތަނުން ދަށް ދިއުމާއެކު، ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާގެ ޝަރަފު، ފަރަންސޭސި ފެޝަން ކުންފުނި، ލުއި ވިޓޯންގެ ސީއީއޯ ބާނާޑް އާނޯލްޓް ކަށަވަރު ކޮށްފިއެވެ.

މިއީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އާނޯލްޓް އެރި ފުރަތަމަ ފަހަރެއް ނޫނެވެ. ޑިސެމްބަރު 2019، ޖެނުއަރީ 2020 އަދި މެއި 2021 އާއި ޖުލައި 2021 ގައި ވެސް އާނޯލްޓް ވަނީ 1 ނަމްބަރު މަގާމު ކަށަވަރު ކޮށްފައެވެ.

އޭނާގެ ވަރައިގެ ދަށުގައި މަޝްހޫރު އެތައް ބްރޭންޑް ހިންގަމުން އަންނަ އަނޯލްޓް، ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ކުންފުނިތަކުން ހިއްސާ ގަތުމަށް، ފާއިތުވީ މަސްތަކުގައި 538 މިލިއަން ޑޮލަރު ހަރަދު ކޮށްފައި ވާ ކަމަށް ބްލޫމްބާގުން ހަބަރު ދެއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މަޑުޖެހުނު އިގުތިސޯދީ ހަރަކާތްތައް އަލުން ހިނގައިގެންފައި ވާއިރު، ޗައިނާގެ ހަރަކާތްތައް އިތުރުވުމާއެކު، ލުއިވިޓޯންގެ ވިޔަފާރި އިންތިހާއަށް މެކުހަށް ޖަހާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ފޯބްޒް މަޖައްލާއިން އެންމެ ފަހުން އެކުލަވާލާފައިވާ ރިއަލް ޓައިމް ބިލިއަނަރުންގެ ލިސްޓަށް ބަލާއިރު އާނޯލްޓްގެ ފަހަތުން 2 ވަނާގައި އޮތީ 192.4 ބިލިއަން ޑޮލަރާއެކު ބޭޒޯސްއެވެ. އެއް ދުވަހުގެ ތެރޭގައި ބޭޒޯސްގެ މިލްކިއްޔާތުން 13.9 ބިލިއަން ޑޮލަރު އުނިވި ކަމަށް މައުލޫމާތު ލިބެއެވެ.

ބޭޒޯސްގެ ފަހަތުން 179.4 ބިލިއަން ޑޮލަރާއެކު އީލޯން މަސްކު އޮތްއިރު، 131.6 ބިލިއަން ޑޮލަރާއެކު 4 ވަނާގައި އޮތީ ބިލް ގޭޓްސްއެވެ. ގަދަ 5 ގެ 5 ވަނަ މަގާމުގައި އޮތީ ފޭސްބުކްގެ ބާނީ، މާކް ޒަކަބާގްއެވެ.

މީގެ އިތުރުން، މަޝްހޫރު ލަވަކިއުންތެރިޔާ އަދި ފެޝަންގެ ވިޔަފާރިވެރިޔާ "ރިއާނާ" ފެންޓީވެސް ވަނީ ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުން ޖާގަ ހޯދާފައެވެ. ރިއާނާއަކީ އޯޕްރާ ވިންފްރީގެ ފަހަތުން، މުނިފޫހިފިލުވުމުގެ ދާއިރާގެ އަންހެން ތަރިންގެ ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުން ޖާގަ ކަށަވަރު ކުރި 2 ވަނަ މޫނެވެ.